ޑަޗް ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަޔެކްސް އެމްސްޓަޑަމްގެ ކޯޗް ކަމުގައި ހުރި އަލްފްރެޑް ޝްރެއުޑަރ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ މެޗަކުން މޮޅުނުވެ ހަތް މެޗް ދިއުމުންނެވެ. އަޔެކްސް އެންމެ ފަހުން ކުޅުނު މެޗްގައިވަނީ ތަވަލްގެ ފަހަތުގައިވާ ވޮލެންޑަން އާއި ބައްދަލުކޮށް އެއްލަނޑު އެއްލަނޑުން އެއްވަރުވެފައެވެ. އަޔެކްސް މިހާރުވަނީ ތާވަލްގެ ފަސްވަނައަށް ވެއްޓިގެން ގޮސްފައެވެ. އަދި ތާވަލްގެ އެއްވަނައިގާ އުޅޭ ފެޔެނޯޑް ރޮޓަޑަމް އާއި ދެމެދުގައިވާ ފަރަގުވަނީ ހަތް ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ.
ޝްރެއުޑަރ އަޔެކްސްގެ ކޯޗް ކަމާއި ހަވާލުވެފައިވަނީ މިދިޔަ އަހަރު އެ މަޤާމުގައި ކުރިން ހުރި އެރިކް ޓެން ހާގް މެންޗެސްޓަރ ޔުނައިޓެޑާއި ހަވާލުވުމަށްޓަކައި އިސްތިއުފާ ދިނުމުންނެވެ. އަޔެކްސްގެ ޗީފް އެގްޒެކެޓިވް އެޑްވިން ވެންޑަރ ސާ ހާމަކުރިގޮތުގައި މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އަޔެކްސްއިން މިސީޒަން ރަނގަޅަށް ފެށި ނަމަވެސް ފަހަކަށް އައިސް އެޓީމްގެ ކުޅުން ވަރަށް ބޮޑު ތަނުންވަނީ ދަށްވެފައެވެ. އަޔެކްސްއަށް އެންމެފަހުން މެޗަކުން މޮޅުވެވިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޗެމްޕިއަންސް ލީގުގައި ރޭންޖަރސް އާއި ދެކޮޅަށް ކުޅުނު މެޗުން 3-1 އިންނެވެ.
ވެންޑަރ ސާ ފާހަގަކުރިގޮތުގައި މިސީޒަނާއި ދިމާކޮށް ކްލަބް ދޫކޮށް ގިނަ ކުޅުންތެރިންތަކެއް ދިޔަ ނަމަވެސް ލީގު ކަމިޔާބު ކުރެވޭ ފެންވަރުގެ ޓީމެއް އޮތް ކަމަށް ކްލަބުން ގަބޫލް ކުރާ ކަމަށާއި އަދި ޓީމް ހަމައަކަށް އަޅުވާ ނަތީޖާ ނެރުމަށް ކޯޗް ޝްރެއުޑަރއަށް ވަގުތު ދެވިއްޖެ ކަމަށެވެ. ނަމަވެސް މިހާހިސާބަށް އައިއިރު އެކަމަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށް ހިތާމައާއެކު އޭނާ ފާހަގަކުރިއެވެ.