އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން ސަރބިއާގެ ނޯވަކް ޖޯކޮވިޗް އާއި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން 9 ފަހަރު ހޯދާފައިވާ ޖޯކޮވިޗް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި އެމެރިކާގެ ޓޮމީ ޕޯލް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް ޖޯކޮވިޗް ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް ޖޯކޮވިޗް ގެންގޮސްފައިވަނީ ހަތެއް ފަހެއް، ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ.
މި ކާމިޔާބީއާއެކު ޖޯކޮވިޗް މިވަނީ އޮސްޓްރޭލިއަން އޯޕަންގައި ޖެހިޖެހިގެން 27 މެޗުން މޮޅުވެ އާ ރިކޯޑެއް ގާއިމްކޮށްފައެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ މިމުބާރާތް 10 ފަހަރު ކާމިޔާބުކޮށް އެންމެ ގިނައިން މިމުބާރާތް ކާމިޔާބު ކުރުމުގެ އޭނާގެ އިކޯޑް އިތުރަށް ފުޅާވެގެންދާނެއެވެ. އަދި އެންމެ ގިނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބުކޮށްގެން ރަފައެލް ނަޑާލް ހަދާފައިވާ 22 މުބާރާތުގެ ރިކޯޑާއި އަރާހަމަކުރެވިގެންވެސް ދާނެއެވެ.
މުބާރާތުގެ ފައިނަލުން ތިންވަނައަށް ސީޑް ކުރެވިފައިވާ ސިޓްސިޕާސް ޖާގަހޯދީ ސެމީފައިނަލްގައި ރަޝިއާގެ ކަރެން ހާޗަނޯފް އާއި ބައްދަލުކުރިމެޗް ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ ސެޓްތައް ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނީ ހަތެއް ހައެއް، ހައެއް ހަތަރެއް، ހައެއް ހަތެެއް އަދި ހައެއް ތިނަކުންނެވެ.
މެޗްގެ ތިންވަނަ ސެޓްގެ ޓައި ބްރޭކްގައި ހާޗަނޯފްވަނީ ސިޓްސިޕާސްއަށް ލިބުނު ދެ މެޗް ޕޮއިންޓް ނާކާމިޔާބުކޮށްލާ އެސެޓް ގެންގޮސްފައެވެ. ނަމަވެސް ހަތަރު ވަނަ ސެޓްގައި އޭނާވަނީ އަލުން ކުޅުން ރަނގަޅުކޮށް މެޗް ކާމިޔާބުކޮށްފައެވެ.
ގްރޭން ސްލޭމް މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމަށް ނިކުންނަ ސިޓްސިޕާސްވަނީ މީގެކުރިން 2021 ވަނަ އަހަރުގެ ފްރެންޗް އޯޕަންގެ ފައިނަލްގައި ޖޯކޮވިޗް އާއި ވާދަކޮށް ބަލިވެފައެވެ. އެހެން ކަމުން މިއީ އެކަމުގެ ބަދަލު ހިފުމަށްވެސް ސިޓްސިޕާސްއަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ. ނަމަވެސް އެކަން ކުރަން ބޭނުންކަމުގައިވާ ނަމަ އޭނާ ޖެހޭނީ 2018 ވަނަ އަހަރަށްފަހު މެލްބަން ޕާކްގައި ޖޯކޮވިޗް ބަލިކުރާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.