ކުޅިވަރު

ޓޮރޮންޓޯ ރެޕްޓާސް އަތުން ގޯލްޑަން ސްޓޭޓް ވޮރިއާސްއަށް މޮޅެއް


އެން.ބީ.އޭ ބާސްކެޓްބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް އާއި ޓޮރޮންޓޯ ރެޕްޓަރސް ބައްދަލުކުރި މެޗް ވޮރިއަރސް ކާމިޔާބުކޮށްފިއެވެ.

މި މެޗް ވޮރިއަރސް ކާމިޔާބުކޮށްފައިވަނީ 129 ޕޮއިންޓް 117 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 35 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ 11 އެސިސްޓް ކޮށްފައެވެ. އަދި ރެޕްޓަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގައިދީ 10 އެސިސްޓް ދިން ފްރެޑް ވެންވްލީޓް އެވެ.

މި މުބާރާތުގައި މިލްވައުކީ ބަކްސް އާއި އިންދިއާނާ ޕޭސަރސް ބައްދަލުކުރިމެޗް 141 ޕޮއިންޓް 131 ޕޮއިންޓުން ކާމިޔާބުކުރީ ބަކްސްއެވެ. މިމެޗްގައި ބަކްސްގެ ޖިއާނިސް އެންޓެޓޮކޮއުމްޕޯވަނީ 41 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ޓީޖޭ މެކްކޯނެލްއެވެ.

މީގެއިތުރުން މިނެސޯޓާ ޓިމްބަރވުލްވްސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ޓިމްބަރވުލްވްސްއެވެ. މިމެޗްގައި ވުލްވްސްގެ އެންތަނީ އެޑްވަރޑްސް ވަނީ 25 ޕޮއިންޓް ހޯދާދީ 7 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްގެ ޖާ މޮރާންޓްވަނީ 27 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށް ޓްރިޕްލް ޑަބަލްއެއް ހަދާފައެވެ.

މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު މައޭމީ ހީޓް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗް 110 ޕޮއިންޓް 105 ޕޮއިންޓުން ހީޓް ކާމިޔާބުކުރިއިރު އޮކްލޮހޯމާ ސިޓީ ތަންޑަރ އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރި މެޗް 112 ޕޮއިންޓް 100 ޕޮއިންޓުން ކާމިޔާބުކުރީ ތަންޑާ އެވެ.