ޚަބަރު

ފަލަސްޠީނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޔަހޫދީން ދީފި


ފަލަސްޠީނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޔަހޫދީ އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ. ފަލަސްޠީނުގެ މުސްލިމުންނަށް ހަމަލާދޭނެ ކަމަށް އޭނާ ބުނެފައި މި ވަނީ، ޔަހޫދީންގެ ފައްޅިއަކަށް ހަމަލާދީ ހަތް މީހުން މަރައިލުމާ ގުޅިގެންނެވެ. ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތަކުން ހަމަލާދީފައި ވަނީ ޤުދުޞްގައި ހުންނަ ފައްޅިއަކަށެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރަމުންދާ މުޖާހިދުން ޔަހޫދީންގެ ފައްޅިއަކަށް ހަމަލާދީފައި ވަނީ ޔަހޫދީ ޖައްބާރު ޓެރެރިސްޓު ސިފައިން ހުޅަނގު އައްސޭރީގެ ބިންތަކަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ ނުވަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ޖިނީން އަރައި ހިންގި އުދުވާންތަކުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނެއް ވެސް ހިމެނެއެވެ. އަދި، ޖިނީންގެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑަށް ވެސް ޔަހޫދީ ސިފައިން ވަނީ ކަރުނަގޭސް ޖަހާފައެވެ.

ޖިނީންގައި ހިނގި ލާއިންސާނީ އުދުވާންތަކަށް ފަހު ޔަހޫދީ ސިފައިން ވަނީ ޣައްޒާއަށް ބޮންއަޅާފައެވެ. މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާޢަތުން ވަނީ އިސްރާޢީލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ފޮނުވައިލާފައެވެ.

ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ނަތަންޔާހޫއަކީ އިސްރާޢީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ ގާބިލު މީހާކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާގެ އައު ސަރުކާރާ އެކު، ފަލަސްޠީނުގެ ރައްޔިތުން އަޅުވެތިކުރުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތްތައް ވަނީ އިތުރުކޮށްފައެވެ. ޔަހޫދީން ޖަހައިގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތް ވަނީ ހަލުވިކޮށްފައެވެ. އަދި، ފަލަސްޠީނުގެ ބިންތަކަށް އަރައި ހިންގާ ލާއިންސާނީ އުދުވާންތައް ވަނީ އިތުރުކޮށްފައެވެ.

މި އުދުވާންތަކަށް ކެތްނުކުރެވިގެން ފަލަސްޠީނުގެ ރައްޔިތުން ވެސް މި ވަނީ ޔަހޫދީންނާ ކުރިމަތިލާން ފަށާފައެވެ. ފައްޅިއަށް އަމާޒުކޮށް ދިން ހަމަލާގެ އިތުރުން އިރުމަތީ ޤުދުޞްގައި އޮންނަ ސިލްވާން ކިޔާ ރަށެއްގައި ވެސް ފަލަސްޠީނުގެ ޒުވާނަކު ވަނީ ޔަހޫދީންގެ ދެ މީހަކަށް ބަޑިން ހަމަލާދީ ޒަޚަމުކޮށްލާފައެވެ. މި ހަމަލާ ދީފައި ވަނީ 13 އަހަރުގެ މުޖާހިދެކެވެ.

ފައްޅިއަށް ހަމަލާދީފައި ވަނީ 21 އަހަރުގެ ޒުވާނެކެވެ. ހަމަލާއަށް ފަހު ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި ޔަހޫދީ ސިފައިން ވަނީ އޭނާ ޝަހީދުކޮށްލާފައެވެ. އަދި، ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ އުދުވާންތައް ހިންގައި، ފަލަސްޠީނުގެ 42 މީހުން ހައްޔަރުކޮށްފައެވެ. އަދި ހުޅަނގު އައްސޭރިއަށް އިތުރު ސިފައިން ފޮނުވާފައެވެ. ޔަހޫދީންނަށް ދިން ހަމަލާތަކާ ގުޅިގެން އެ މީހުން ދަނީ ޢަރަބީން މެރުމަށް ޔަހޫދީ ސަރުކާރަށް ބާރުއަޅަމުންނެވެ.

ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން އިސްރާޢީލުގެ ޤައުމީ ސަލާމަތާ ބެހޭ ޖައްބާރު ވަޒީރު އިތަމާރް ބެން-ގުވީރު ވަނީ، ޔަހޫދީ ޢާންމުންނަށް ހަތިޔާރު ގެންގުޅުމުގެ އިތުރު ހުއްދަތައް ދިނުމަށް ގޮވައިލާފައެވެ. އަދި، ޔަހޫދީ ފުލުހުން ވަނީ، ހަތިޔާރުއަޅައިގެން ހުރި ފަލަސްޠީނުގެ ރައްޔިތަކު ފެނިއްޖެ ނަމަ، އެ މީހަކު ޝަހީދު ކުރުމަށް ޔަހޫދީންނަށް ގޮވައިލާފައެވެ.

ޔަހޫދީ އިސްރާޢީލާ ގުޅުން ބަދަހިކޮށްފައިވާ ޢަރަބި ޤައުމުތަކުގެ ތެރެއިން ޢުރުދުން، މިޞްރު އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)އިން ވަނީ ޔަހޫދީންގެ ފައްޅިއަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ. ނަމަވެސް، ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ، އެ ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ ޔަހޫދީ އިސްރާޢީލުން ކަމުގައެވެ. އަދި، ފަލަސްޠީނުގެ ހަމަޖެހުމާއި ސުލްޙަމަސަލަސް ކަން ނަގައިލީ އިސްރާޢީލުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔަހޫދީންނަށް އަމާޒުކޮށް ފަލަސްޠީނުގެ މުޖާހިދުން ވަރުގަދަ ހަމަލާތަކެއް ދީފައި މި ވަނީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ފަލަސްޠީނާއި އިސްރާޢީލަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަންނަ ހަފުތާގައި ކުރައްވާ ދަތުރުފުޅުގައި އޭނާ ނަތަންޔާހޫއާއި އައްބާހާ ވަކިން ބައްދަލުކުރައްވާނެއެވެ.