ކުޅިވަރު

ރެޑިން ބަލިކޮށް ޔުނައިޓެޑުން ފަސްވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުން މެންޗެސްޓަރ ޔުނައިޓެޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފަސްވަނަ ބުރުން ޔުނައިޓެޑް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ރޭ ރެޑިންގ އާއި ބައްދަލުކުރިމެޗް އަމިއްލަ ދަނޑުގައި ކުޅެ 3 -1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް ރެޑިންގ އިން ވަނީ މިމެޗްގެ ފުރަތަމަ ހާފްގައި ޔުނައިޓެޑަށް ލަނޑެއް ޖެހުނަ ނުދީ ހިފަހައްޓާލާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ޖަހާ ޔުނައިޓެޑަށް ލީޑު ނަގާދިނީ ކަސެމީރޯއެވެ. އަދި މިލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން އެޓީމްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީވެސް ކަސެމީރޯއެވެ. މިމެޗްގައި ރެޑިންގ އަށް އިތުރު މައްސަލަ ތަކާއި ކުރިމަތިވެގެންދިޔައީ މެޗްގެ 65 ވަނަ މިނެޓްގައި އެޓީމްގެ އެންޑީ ކެރޯލްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއެއް މަދުވިތާ އެއް މިނެޓްފަހުން ޔުނައިޓެޑުން ވަނީ އެޓީމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރެޑްއެވެ. މިމެޗްގައި ރެޑިންގ އިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 72 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަމަޑޫ އެމްބެންގޫއެވެ.

ޔުނައިޓެޑުން އެންމެ ފަހުން އެފް އޭ ކަޕް ގެ ތަށި ކާމިޔާބު ކުރެވިފައިވަނީ 2016 ވަނަ އަހަރުގައެވެ. އަދި ރޭ ގެމެޗަށް ޔުނައިޓެޑުން ނެރެފައިވާ ވަރުގަދަ ޓީމްގެ ސަބަބުން މިފަހަރުގެ އެފް އޭ ކަަޕަށް އެޓީމުން ދޭ މުހިންމުކަން ވަރަށް ބޮޑަށް ފާހަގަ ވެގެންދިޔައެވެ.