އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުން ޓޮޓްނަމް ހޮޓްސްޕަރ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފަސްވަނަ ބުރުން ސްޕަރސް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި ރޭ ޕްރެސްޓަން ނޯތު އެންޑް އާއި ބައްދަލުކުރިމެޗް ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕަރސްއިންނެވެ. ނަމަވެސް ޕްރެސްޓަންއިންވަނީ މިމެޗްގެ ފުރަތަމަ ހާފްގައި ސްޕަރސްއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ. މިމެޗްގައި ސްޕަރސްއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި އެޓީމަށް ކަމިޔާބުކޮށްދިނީ ސޮން ހެއުންގ މިންއެވެ. އަދި މެޗްގެ 69 ވަނަ މިނެޓްގައި ސްޕަރސްއަށް ލީޑު ފުޅާކޮށްދިނީވެސް ސޮން އެވެ. މިމެޗްގައި ސްޕަރސްގެ ފަހު ލަނޑު މެޗްގެ 87 ވަނަ މިނެޓްގައި ޖަހާދިނީ މިހަފްތާގައި ސްޕެނިޝް ލަލީގާގެ ވިޔަރެއާލްއިން ލޯން އެއްބަސްވުމެއްގެދަށުން ސްޕަރސް އާއި ގުޅުނު އާނައުޓް ޑެންޖޫމާއެވެ. މިމެޗްގައި ޕްރެސްޓަންއިންވެސް ވަނީ ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮށް ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް މިމެޗްގެ ދެވަނަ ހާފްގައި އެޓީމަށް ސްޕަރސް ކައިރީ ހިފަހައްޓާލެވޭގޮތް ނުވީއެވެ.
މިކާމިޔާބީއާއެކު ސްޕަރސް ފަސްވަނަ ބުުރުން ޖާގަހޯދާފައިވާއިރު އެބުރުގައި ބައްދަލު ކުރާނެ ޓީމެއް އެނގިގެންދާނީ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމަށްފަހުއެވެ.