ކުޅިވަރު

ޖިރޯނާ ބަލިކޮށް އެއްވަނައިގައި ބާސާއިން ލީޑު ފުޅާކޮށްފި


ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި ޖިރޯނާ ބައްދަލުކުރިމެޗް ބާސާ ކާމިޔާބުކޮށް ތާވަލްގައި އެޓީމްގެ ލީޑު ފުޅާކޮށްފިއެވެ.

ޖިރޯނާގެ ދަނޑުގައި ކުޅުނު މިމެޗް ބާރސާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ދެޓީމަށްވެސް ހަމަލާ އުފެއްދފައިވަނީ ހަމަހަމަކޮށެވެ. މިމެޗްގައިވެސް ސަސްޕެންޝަންގެ ސަބަބުން ބާރސާއިން ކުޅެފައިވަނީ ރޮބަޓް ލެވަންޑޯސްކީ އާއި ފެރާން ޓޯރޭޒް އާއި ނުލައެވެ. އެހެން ކަމުން ބާރސާގެ ފޯވަޑް ލައިނުން އެންމެ ރަނގަޅު ކުޅުމެއް މިމެޗްގައި ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި އުސްމާން ޑެމްބެލޭވެސްވަނީ މިމެޗްގެ ފުރަތަމަ ހާފްގައި އަނިޔާވެގެނ ބާލާފައެވެ. މިމެޗްގައި ބާރސާއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހާދިނީ ބަދަލު ކުޅުންތެރިޔާ ޕެޑްރީއެވެ. މިއީ އޭނާ ބާރސާގެ ޖަރޒީގައި ކުޅުނު 100 ވަނަ މެޗެވެ.

މިކާމިޔާބީއާއެކު ބާރސާއިން މިވަނީ ލީގުގައި ބަލިނުވެ ނުވަމެޗް ހަމަކޮށްފައެެވެ. އެޓީމް އެންމެފަހުން ލީގުގައި ބަލިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ވާދަވެރި ރެއާލް މެޑްރިޑް އަތުން 3 ލަނޑު އެއްލަނޑުންނެވެ. އަދި މިކާމިޔާބީއާއެކު ބާރސާއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވާ ލީޑު ވެސް މިވަނީ 6 ޕޮއިންޓަށް އިތުރު ވެގެން ގޮސްފައެވެ. މިގޮތުން ބާރސާއަށްވަނީ 18 މެޗުން 47 ޕޮއިންޓް ލިބިގެން ގޮސްފައެވެ. ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ޖިރޯނާ އުޅެނީ 21 ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ.