އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ބެލަރުސްގެ އަރީނާ ސަބަލެންކާ ހޯދައިފިއެވެ
މިމުބާރާތުގެ ޗެމްޕިއަން ސަބަލެންކާ ހޯދީ ފައިނަލްގައި ކަޒަކިސްތާންގެ އެލޭނާ ރީބަކީނާ އާއި ބައްދަލުކޮށް ކާމިޔާބުކޮށްގެންނެވެ.
ދެކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ސަބަލެންކާ ކާމިޔާބުކުރީ 2 ސެޓް އެއް ސެޓުންނެވެ. މިމެޗްގެ ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން ގެންދިޔައީ ރީބަކީނާއެވެ. މިއީ މިފަހަރުގެ މުބާރާތުގައި ސަބަލެންކާއަތުން ގެއްލިގެންދިޔަ ފުރަތަމ ސެޓެވެ. މިމެޗްގެ ދެވަނަ ސެޓް ސަބަލެންކާ ހައެއް ތިނަކުން ކާމިޔާބުކުރި އިރު ތިންވަނަ ސެޓް އޭނާ ކާމިޔާބުކޮށް މިމުބާރާތް ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. މިއީ އުމުރުން 24 އަހަރުގެ ސަބަލެންކާ އަށް ކާމިޔާބު ކުރެވުނު ގްރޭން ސްލޭމް ފުރަތަމަ މުބާރާތެވެ. މިމެޗްގައި ރީބަކީނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިދިޔަ އަހަރުގެ ވިމްބަލްޑަން މުބާރާތަށް އިތުރު ގްރޭން ސްލޭމް ތައްޓެއް އެއްކުރެވޭގޮތެއްނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ހާމަކުރިގޮތުގައި އޭނާ މިހިރީ ބުނާނެ އެއްޗެއްވެސް ނޭނގިފައިކަމަށާއި މިކަން ހަގީގަތުގައިވެސް ކުރެވިއްޖެކަން އަންދާޒާ ކުރުމަށް ދެތިން ދުވަސް ނަގާނެކަމަށެވެ.
މީގެއިތުރުނ ފިރިހެން ޑަބަލްސް ޗެމްޕިއަންކަންވަނީ ރިންކީ ހަޖިކާޓާ އާއި ޖޭސަން ކުބްލަރ ކާމިޔާބުކޮށްފައެވެ. މިދެކުޅުންތެރިން މިބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ހޫގޯ ނީސް އާއި ޔާން ޒިއެލިންސްކީ ސީދާ ދެސެޓުން ބަލިކޮށްގެންނެވެ. އެއީ ހައެއް ހަތަރެއް އަދި ހަތެއް ހަޔަކުންނެވެ. މިއީ މިދެކުޅުންތެރިން އެކުގާ ކުޅުނު ފުރަތަމަ މުބާރާތް ކަމުން މިދެކުޅުންތެރިންނަށްވެސް ވަނީ މިހޯދުނު ކާމިޔާބީ އާމެދު ހައިރާންކަން ލިބިފައެވެ.
މެޗަށްފަހު ވާހަަކަ ދައްކަމުން މިދެކުޅުންތެރިންވެސް ހާމަކުރިގޮތުގައި މިމުބާރާތުގައ އެކުގައި ކުޅެން ނިންމީ މީގެ ދެހަފްތާ ކުރިން ކަމަށެވެ. އަދި އޭގެ ދެހަފްތާ ފަހުން ތަށި ލިބުމުން ލިބިފައިވާ ހައިރާންކަން ބޮޑު ކަމަށެވެ.