ކުޅިވަރު

ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި ބްރައިޓަން ފަސްވަނަ ބުރަށް


އިނގިރޭސި އެފްއޭ ކަޕުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށް ބްރައިޓަން މުބާރާތުގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބްރައިޓަންއިންނެވެ. މިމެޗަށް ދެޓީމުންވެސް ވަނީ ވަރުގަދަ ފުރަތަމަ އެގާރައެއް ނެރެފައެވެ.

މިމެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. މިލަނޑު މެޗްގެ 30 ވަނަ މިނެޓްގައި ޖަހާދިނީ ހާރވީ އެލިއޮޓްެއެވެ. ނަމަވެސް މިލަނޑު ލިވަޕޫލުން ޖެހިތާ 9 މިނެޓްފަހުން ބްރައިޓަންއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑަކީ ބްރައިޓަންގެ ތާރިގް ލެމްޕްޓޭ ގޯލަށް ފޮނުވާލި ބޯޅައެއް އެޓީމްގެ ލުވިސް ޑަންކްގައި ޖެހިފައި ވަރަށް ބޮޑަށް ކޮޅު ބަދަލުވެގެން ގޮސް ގޯލަށް ވަން ލަނޑެކެވެ.

މިލަނޑާއެކު ދެޓީމް އެއްލަނޑު އެއްލަނޑުގައި އޮވެ ދެވަނަ މެޗެއް ކުޅެން ޖެހިދާނެކަމަށް ގިނަ ބަޔަކަށް ހީވެފައިވަނިކޮށް މެޗްގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ބްރައިޓަންއަށް ކުޅޭ ޖަޕާންގެ ކުޅުންތެރިޔާ ކައޮރޫ މިޓޯމާ ޖަހާދިން ލަނޑައެކު މިމެޗް ބްރައިޓަން ކޮޅަށް އެނބުރިގެން ދިޔައެވެ.

މިފަހަރުގެ ސީޒަން ކާމިޔާބުކަމާއި އިތުބާރާއި އެކު ފެށި ބްރައިޓަންގެ ކޯޗް ގްރަހަމް ޕޮޓަރ އެޓީމް ދޫކޮށް ޗެލްސީއަށް ބަދަލުވެ އަދި ޓީމްގެ މުހިންމު ދެތިން ކުޅުންތެރިން ޓީމް ދޫކޮށްގޮސް އަދި މިހާރު ޓީމްގައި ތިބި ކުޅުންތެރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއެއް ކަމަށްވާ މޮއިސެސް ކައިސޭޑޯ ޓީމް ދޫކޮށް ދާން ބޭނުންކަން ހާމަކުރުމާއި ގުޅިގެން އޭނާއާ ވެސް ނުލާ އަންނަނީ ގިނަ ބަޔަކު ހައިރާން ކުރުވަނިވި މޮޅު ކުޅުމެއް ދައްކަމުންނެވެ.

އަދި މިނާކާމިޔާބީއާއެކު ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕް އަށް ކުރިމަތިވެފައިވާ މައްސަލަތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.