ކުޅިވަރު

އެވަޓަން ދޫކޮށް އެންތަނީ ގޯޑަން ނިއުކާސަލަށް


އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ކުޅެމުން އައި ޒުވާން ފޯވާޑް އެންތަނީ ގޯޑަން ނިއުކާސަލް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ގޯޑަން ނިއުކާސްލްއަށް ސޮއިކޮށްފައިވަނީ 45 މިލިއަން ޕައުންޑްގެ އަގަކަށެވެ.

އުމުރުން 11 އަހަރުން ފެށިގެން އެވަޓަންގެ އެކަޑަމީއިން އައިސްފައިވާ ގޯޑަން ހޯދުމަށް ޗެލްސީއިންވެސް މަސައްކަތް ކުރިއެވެ. ގޯޑަން ހާމަކުރިގޮތުގައި އޭނާ ހޯދަން ބައެއް ކްލަބްތަކުން އުޅޭކަން އެނގުނު ހިސާބުން އޭނާގެ މަންޒިލަކީ ނިއުކާސްލްކަމަށް އޭނާއަށްގަބޫލް ކުރެވުނު ކަމަށެވެ. އަދި އެ ކްލަބް ނިސްބަތްވާ ސިޓީ އާއި ސަޕޯޓަރުން އޭނާއަށް ވަރަށް ކަމުދާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެވަޓަންއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާގޮތުގައި ގޯޑަންވަނީ ނިއުކާސްލްއަށް ސޮއިކޮށްފައެވެ. އޭނާ ނިއުކާސްލްއަށް ސޮއިކުރި އަގު ހާމަކޮށްފައިނުވި ނަމަވެސް، އެކަން ކުރިއަށް ގެންގޮސްފައިވަނީ އޭނާ ޓްރާންސްފަރ ރިކުއެސްޓެއް ކްލަބަށް ހުށަހެޅުމުންކަމަށް ހާމަކޮށްފައިވެއެވެ.

ނިއުކާސްލްގެ ކޯޗް އެޑީ ހޯވް ހާމަކުރިގޮތުގައި ގޯޑަން އޭނާގެ ޓީމާއި ގުޅުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި އޭނާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށްވެސް ހޯވް ހާމަކުރިއެވެ.

ގޯޑަންވަނީ އެވަޓަންއަށް ކުޅުނު 78 މެޗްގައި ހަތް ލަނޑު ޖަހާދީފައެވެ. އެވަޓަންއިން އެންމެ ފުރަތަމަ 60 މިލިއަން ޕައުންޑްގެ ފީއަކަށް ޑިމާންޑް ކުރި ނަމަވެސް ފަހުން ވަނީ އެއަގު ކުޑަކުރަން ނިންމާފައެވެ. ގޯޑަން ނިއުކާސްލްއަށް ކުޅޭ ފުރަތަމަ މެޗަށް ވެސްޓް ހޭމް އާއި ދެކޮޅަށް ފެބްރުއަރީ ހަތަރު ވަނަ ދުވަހު ކުޅޭ މެޗް ވުން ވަރަށް ގާތެވެ.