ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: 22 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކޮށް ޖޮކޮވިޗް ރިކޯޑާ ހަމަކޮށްފި


އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.

މިއާއެކު ޖޯކޮވިޗް މިވަނީ އޭނާގެ އަމިއްލަ ރިކޯޑް އިތުރު ކޮށްފައެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ޖޯކޮވިޗް ހޯދީ ފައިނަލްގައި މުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗްގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއެކު ހައެއް ތިނަކުން ޖޯކޮވިޗް ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިގޮތުން ދެވަނަ ސެޓާއި ތިންވަނަ ސެޓްވެސް ޖޯކޮވިޗް ކާމިޔާބުކުރީ ޓައި ބްރޭކަން ގޮސްގެންނެވެ. މިގޮތުން ދެވަނަ ސެޓްގެ ޓައި ބްރޭކް އޭނާ ހަތެއް ހަތަރަކުން ކާމިޔާބުކުރިއިރު ފަހު ސެޓްގެ ޓައި ބްރޭކް ޖޯކޮވިޗް ކާމިޔާބުކުރީ ހަތެއް ފަހަކުންނެވެ.

މިފަހަރުގެ މުބާރާތް ފެށެން ގާތް ވެފައިވަނިކޮށް ފައިގެ ފަލަމަސްގަނޑަށް ކޮންމެވެސް ވަރަކަށް އަނިޔާވި ނަމަވެސް މިއަނިޔާ އާއެކުވެސް ޖޯކޮވިޗް ފެނިގެންދިޔައީ ފަހަކަށް އައިސް އޭނާގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު ކުޅެމުންދިޔަ ތަނެވެ. މިގޮތުން މިފަހަރުގެ މުބާރާތުގައި އޭނާއަށް ހުރިހާ މެޗަކަށް ބަލާލިކަމުގައިވީ ނަމަވެސް ގެއްލިފައިވަނީ އެންމެ ސެޓެކެވެ.

މިކާމިޔާބީއާއެކު އޮސްޓްރޭލިއަން އޯޕަން ދިހަ ވަނަފަހަރަށް ކާމިޔާބު ކުރުމުގެ އިތުރުން އެންމެ ގިނަ ގްރޭންޑް ސްލޭމް ކަމަށްވާ 22 މުބާރާތް ކާމިޔާބުކޮށްގެން ސްޕެއިންގެ ރަފައެލް ނަޑަލް ހަދާފައިވާ ރިކޯޑާވެސް އޭނާ މިވަނީ ހަމަކޮށްފައެވެ. އަދި މިކާމިޔާބީއާއެކު ޖޯކޮވިޗްއަށް އަނެއްކާވެސް ދުނިޔޭގެ ރޭންކިންގެ އެއްވަނަ ލިބިގެންދާނެއެވެ.

މިފަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ސިޓްސިޕާސްއަށް މިމެޗްގެ ފެށުން ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އަދި ނަތީޖާއަކަށްވެގެންދިޔައި މުޅި މެޗްގައިވެސް ޖޯކޮވިޗް އާއި ހަމަހަމަ ކުރުމަށް މަސައްކަތް ކުރަން ޖެހުމެވެ. މިއީ ސިޓްސިޕާސް ވާދަކޮށް ބަލިވި ގްރޭން ސްލޭމްގެ ދެވަނަ މުބާރާތެވެ. 2021 ވަނަ އަހަރުގެ ފްރޭންޗް އޯޕަންގެ ފައިނަލްގައި ސިޓްސިޕާސް ވާދަކޮށްފައިވާއިރު އެފަހަރުވެސް އޭނާ ބަލިވެފައިވަީ ޖޯކޮވިޗް އާއި ވާދަކޮށެވެ.

މިކާމިޔާބީއާއެކު ޖޯކޮވިޗް މިވަނީ 2018 ވަނަ އަހަރަށް ފަހު މެލްބަން ޕާކްގައި އޭނާ ބަލިނުވެ ދަމަހައްޓަމުން އަންނަ ރިކޯޑްވެސް އިތުރު އަހަރަކަށް އަނެއްކާވެސް ދަމަހައްޓަފައެވެ.