ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މި އަހަރަށް ކަނޑައެޅި ކަލަންޑަރު، މިއަދު އިއުލާނުކުރިއިރު، މި އަހަރު ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ގައުމީ ވޮލީ ޓީމުތައް ވާދަކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
ވީއޭއެމްގެ ކަލަންޑަރުގައި މި އަހަރު، ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ވޮލީ ޓީމަށް ބައިނަލްއަގުވާމީ ހަތަރު މުބާރާތެއް ވަނީ ހިމަނައިފަ އެވެ. އެއީ ފޯ ނޭޝަންސް ކަޕާއި، ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕާއި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައީއޯއައިޖީ) އަދި އޭޝިއަން ގޭމްސް އެވެ.
ފެބްރުއަރީގައި އަންހެން އަދި ފިިރިހެން ފޯ ނޭޝަންސް ކަޕް ބާއްވާއިރު، މެއި މަހުގައި އަންހެން ޓީމަށް ނޭޕާލުގައި ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް އޮންނާނެ އެވެ. އޮގަސްޓް މަހު، ފިރިހެން ވޮލީ ޓީމަށް ސެންޓްރަލް އޭޝިއަން ޗެލެންޖް ކަޕް އޮންނާނީ ސްރީ ލަންކާގަ އެވެ. އެ މަހު، އަންހެން އަދި ފިރިހެން ގައުމީ ވޮލީ ޓީމަށް މަޑަގަސްކަރާގައި ބާއްވާ އައިއޯއައިޖީ އޮންނާނެ އެވެ.
ސެޕްޓެމްބަރު މަހު އަންހެން އަދި ފިރިހެން ޓީމަށް އޮންނާނީ ޗައިނާގައި ކުރިއަށްދާ އޭޝިއަން ގޭމްސް އެވެ. މީގެ އިތުރުން، ޖޫން މަހު، ރާއްޖޭގެ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޓީމަށް ސެންޓްރަލް އޭޝިއަން ޗެލެންްޖް ކަޕް އޮންނާނެ އެވެ. ބީޗް ވޮލީބޯޅައިގެ ގައުމީ ޓީމަށް މި އަހަރު އޭޝިއަން ގޭމްސް އާއި އައިއޯއައިޖީގެ އިތުރުން ގިނަ ބީޗް މުބާރާތްތަކެއް އޮންނާނެ އެވެ.
ބީޗް ޓީމު ބައިވެރިވާ މުބާރާތްތައް ކަނޑައަޅާނީ ރޭންކިން އަށް ބަލާއިރު، ފުރުސަތު ލިބޭ މުބާރާތްތަކަށް ދާ ގޮތަށެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ލޯކަލް ގިނަ މުބާރާތްތަކެއް ވީއޭއެމުން ވަނީ ތާވަލުކޮށްފަ އެވެ. ދެން، އެންމެ އަވަހަށް އޮތް ލޯކަލް ވޮލީ މުބާރާތަކީ، މާޗް މަހަށް ތާވަލުކޮށްފައި އޮތް، ބީޗް ޗެލެންޖާސް ސީރީސް އެވެ. އޭޕްރީލް މަހު ވެސް ބީޗް ޗެލެންޖާސް ސީރީސްގެ ބައެއް ވަނީ ޝެޑިއުލްކޮށްފަ އެެވެ.
މިއީ މި ފަަހަރު ވީއޭއެމުން މުޅިން އަލަށް ބީޗްވޮލީ ފުޅާކުރަން ފަށާ މުބާރާތެކެވެ. މެއި މަހު، އިންޓަ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވޮލީބޯޅަ މުބާރާތެއް ބާއްވާއިރު، އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަން ވެސް ކުރިއަށްދާނެ އެވެ. ޖޫން މަހުގައި، އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް ފަށާނެ އެވެ. އަދި ޖުލައި މަހު، އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގު ކުރިއަށްދާނެ އެވެ.
އޮގަސްޓް މަހު، ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން، ޔޫތު ވޮލީބޯލް ޗެމްޕިއަންޝިޕް ބާއްވާއިރު، ސެޕްޓެމްބަރުގައި އިންޓަ ސްކޫލް ވޮލީ މުބާރާތް ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އޮކްޓޫބަރު މަހު، ގައުމީ ބީޗްވޮލީބޯޅަ މުބާރާތް ބާއްވަން ތާވަލުކޮށްފައިވާއިރު، ވީއޭއެމުން މި އަހަރު ނިންމާފައިވަނީ ބީޗް ޗެލެންޖާސް ސީރީސްގެ ރޭންކިން އަށް ބަލައިގެން ގައުމީ ބީޗް މުބާރާތަށް ޓީމުތައް ކޮލިފައިވާ އުސޫލެއް ހެދުމަށެވެ.
ގައުމީ ވޮލީބޯލް ލީގު ނޮވެމްބަރު މަހު ކުޅޭއިރު، އަންހެން ޑިވިޝަނުގެ އެސޯސިއޭޝަން ކަޕާއި، ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.