ހަނިމާދޫ އެއަރޕޯޓަށް ކުރާ މޯލްޑިވިއަންގެ ރޭގަނޑު ދަތުރުތައް އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑު އޭވިއޭޝަނުން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތަށް އަންނަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރޭގަނޑު 8:00އިން ފެށިގެން ހެނދުނު 8:00 އާއި ދެމެދު ހުރިހާ ދަތުރުތަކެއް ވަގުތީގޮތުން މެދުކަނޑާލާނެކަމަށެވެ. މިގެންނަ ބަދަލާއި އެކު ހަނިމާދޫ އިން އިންޑިއާގެ ޓްރިވެންޑުރަމަށް ކުރާ ދަތުރުތައްވެސް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.
އަންނަ މަހުގެ 1ވަނަ ދުވަހުގެ ފަހަށް ޓިކެޓު ނަގާ ފަރާތްތަކުން، މޯލްޑިވިއަންގެ ކޯލްސެންޓަރ މެދުވެރިކޮށް ދަތުރުގެ ކަންތައްތައް ހަމަޖެއްސުމަށް ވަނީ މޯލްޑިވިއަނުން ވަނީ އެދިފައެވެ.
For additional information contact our call center at 1671. pic.twitter.com/s5rPuxM011
— MaldivianAero (@MaldivianAero) February 1, 2023
ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފައިވަނީ މިދިޔަ މަހުގެ 18ވަނަ ދުވަހުއެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާ ޙަވާލުކޮށްގެންނެވެ. އެކުންފުންޏަށް މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ޓަރމިނަލަކާއި އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މާލޭ ސަރަޙައްދުން ބޭރުގައި ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި 2024 ގައި މިމަޝްރޫޢުގެ މަސައްކަތްތައް މުޅިން ނިމި، ބައިނަލްއަޤްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށާނެއެވެ.
މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 ސައިޒުގެ ބޯޓުފަހަރަށް ހަނިމާދޫ ވައިގެބަނދަރުން ޚިދުމަތް ދެވިގެން ދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.