ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ދޫކުރާ ކިޔަވާ ލޯނު އަދި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް 5 އިންސައްތައަށް ދަށްކޮށްފިއެވެ. މިހާރު ނަގާފައިވާ ކިޔަވާ ލޯނާއި، އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސްއަށްވެސް މި ރޭޓް ވަނީ ކަނޑައަޅާފައެވެ.
ބީއެމްއެލުން ވިދާޅުވީ އިންޓްރެސްޓް އަދި ފައިނޭންސިންގ ރޭޓަށް މިގެނައި ބަދަލާއެކު، ލޯނާއި ފައިނޭންސިންގ ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކައްޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެކަމަށެވެ. އަދި މަހުން މަހަށް ދައްކަންޖެހޭ ޢަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން ޢަމަލުކުރަންޖެހޭ ގޮތާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގ ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރެވޭނެކަމަށްވެސް ބީއެމްއެލުން ހާމަކުރައްވައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ކިޔަވާ ލޯނަށް ގެނައި ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގ ހޯދުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ %75 އާހަމަޔަށް ފައިނޭންސް ލިބޭނެއެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.