ކުޅިވަރު

ކާވާގެ ރައީސްގެ ތައުރީފު އެފްއައިވީބީގެ ބީޗް ވޮލީބޯލް ޕްރޯއަށް


ވޮލީބޯޅައިގެ މައި ޖަމިއްޔާ އެފްއައިވީބީ އިން ބާއްވަމުން އަންނަ ބީޗް ވޮލީބޯލް ޕްރޯއަށް ކާވާގެ ރައީސް މުޙައްމަދު ލަތީފް ތައުރީފްކޮށްފިއެވެ.

އަންގާރަ ދުވަހު ކާވާގެ ރައީސްގެ އިތުރުން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ކިލިޗެކް ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ކާވާގެ މައްސައްކަތްތައް ކުރިއަށްވުރެ ފުޅާވެފައިވާ ކަމަށާއި، އެގޮތުން ކާވާއަކީ މިހާރު އެފްއައިވީބީން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއެއް ކަމަށެވެ.

ލަތީފް ވިދާޅުވީ، ކާވާއިން މަސައްކަތް ކުރަނީ ސެންޓްރަލް އޭޝިއާ ގައުމުތަކުގެ ވޮލީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކަމަށާއި، އެގޮތުން މި މަސައްކަތުގައި އެފްއައިވީބީ އާއި އޭވީސީގެ ފުރިހަމަ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.

ލަތީފް ވިދާޅުވީ، އެފްއައިވީބީން ބީޗް ވޮލީބޯލް ކުރިއެރުމަށް ކުރާ މަސައްކަތުގައި ކާވާއިން ބައިވެރިވާ ކަމަށާއި، އެގޮތުން މިއަހަރުގެ ކަލަންޑަރުގައި އެކަނިވެސް ބީޗް ވޮލީބޯލްގެ އަށް މުބާރާތް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ލަތީފް ވަނީ ކާވާއިން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ބީޗް ވޮލީބޯލް ޕްރޯ މުބާރާތައް ތައުރީފްކުރައްވާފައެވެ.

ލަތީފް ވިދާޅުވީ، މިއީ ރާއްޖެ ކަހަލަ ކުދި ގައުމުތަކުގައި ބީޗް ވޮލީބޯލް ކުރިއެރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކާވާގެ ޖެނެރަލް ސެކެޓްރީ ކްލިޗް ވިދާޅުވީ، ކާވާގެ ގައުމުތަކަށް ކަލަންޑަރުގައި ހުރި މުބާރާތްތައް ބޭއްވުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށާއި، އަދި މި ހާތަނަށްވެސް އެ ފުރުސަތުތަކުގެ ބޭނުން ގައުމުތަކުން ހިފަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.