އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސްގެ މަގާމަށް ބަހްރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ އަނެއްކާވެސް އިންތިޚާބުވެވަޑައިގެންފިއެވެ.
ގަލްފް ކޮންވެންޝަން ސެންޓަރުގައި ބުދަ ދުވަހު ބޭއްވި ކޮންގްރެސްގައި 2027 ވަނަ އަހަރާ ހަމައަށް އޭއެފްސީގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކޮށް، އޭއެފްސީން ފީފާ ކައުންސިލުގައި ތަމްސީލުކުރާނެ މެންބަރުންވެސް ވަނީ ކަނޑައަޅައިފައެވެ.
ބަހްރޭނުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝެއިޚް ސަލްމާން، އޭއެފްސީގެ ރައީސްގެ މަގާމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތްއިރު، އޭނާ އަކީ ފީފާގެ ނައިބު ރައީސްގެ މަގާމުވެސް މިވަގުތު ފުރުއްވަމުން އަންނަ ފަރާތެވެ.
މި ފަހަރުގެ ކޮންގްރެސްގައި ސައުދީ އަރަބިއްޔާއަށް ސަމާލުކަން ދީފައިވާއިރު، 19 ވަނަ އޭޝިއަން ކަޕަށް އެ ގައުމު ދަނީ މިހާރު ތައްޔާރުވަމުންނެވެ. އޭގެ އިތުރުން 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ސައުދީން ކުރަމުންދާ ބިޑަށް އޭއެފްސީ ގައުމުތަކުން ވަނީ ވާހަކަ ދައްކައިފައެވެ.
ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި، ޝެއިޚް ސަލްމާން ރައީސް ކަމުގެ އިތުރު ދައުރެއް ފައްޓަވާއިރު، އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަަހަރު އޭއެފްސީގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، އޭރުގެ ރައީސް މުޙައްމަދު ބިން ހަންމާމު މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ.