ކުޅިވަރު

އޭޝިއަން ގޭމްސް ޕްރޮމޯޓުކުރަން ފަން ރަން ހޮނިހިރު ދުވަހު ބާއްވަނީ


މިއަހަރު ފަހު ކޮޅު ޗައިނާގައި ފަށާ އޭޝިއަން ގޭމްސްގެ ކުރިން ގައުމުތަކުގައި ބޭއްވުމަށް ނިންމާފައިވާ ފަން ރަން ހޮނިހިރު ދުވަހު ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމްއޯސީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޗަމްޕީ ވިދާޅުވީ، ގައުމުތަކުން އޭޝިއަން ގޭމްސްއަށް ތައްޔާރުވަމުން އަންނައިރު، އޭޝިއަން ގޭމްސްގެ ކުރިން އެތަށް ހަރަކާތްތަކެއް މީގެ ކުރިންވެސް ބާއްވަމުން އަންނަ ކަމަށެވެ. އެގޮތުން އޭޝިއަން ގޭމްސް ފަށަން އަހަރަކަށްވުމުން ދަންމަރު ހިފައިގެން ދުވުން ރާއްޖޭގައިވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި ފަހަރު ކުރިއަށް ދާނީ ފަން ރަންއެއް ކަމަށެވެ.

އެގޮތުން ހޮނިހިރު ދުވަހު ހެނދުނު 06:00 ގައި ފަން ރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ފަން ރަންގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި ސްކޫލް ކުދިންނާއި ލޯކަލް ޗައިނީސް ކުންފުނިތަކުގެ އިތުރުން އާންމުންގެ އެކި ފަރާތްތައް ހިމެނޭ ގޮތަށް 700 އެއް ހާ މީހުން ބައިވެރިވާނެ ކަމަށެވެ.

މި ފަހަރުގެ ފަން ރަން ކުރިއަށްދާނީ ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލޭ ސިންތެޓިކް ޓްރެކުން ފަށައިގެން ވަކި ރޫޓަކުން ދުވެފައި، ތިން ކިލޯމީޓަރު ހަމަވާ ގޮތަށް، ސިންތެޓިކް ޓްރެކުން ނިންމާ ގޮތަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯ ވިދާޅުވީ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރަން ބާއްވާ ފަން ރަންއަށް ގައުމުތަކުގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސް ކުރިއަށް ދާނީ ޗައިނާގެ ހަންގްޒޯގައި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށްށެވެ.