ކުޅިވަރު

ކާވާގެ އޮފީސް ރާއްޖެއަށް ލިބުމަކީ ދިވެހި ވޮލީއަށް ލިބުނު ކާމިޔާބީއެއް: ލަތީފް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ އޮފީސް ރާއްޖޭގައި ގާއިމުކުރުމުގެ ފުރުސަތު ލިބުމަކީ ދިވެހި ވޮލީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކާވާގެ ރައީސަކަށް ލަތީފް އިންތިޚާބުވުމަށްފަހު އެ އެސޯސިއޭޝަންގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމުކުރަން މީގެ ކުރިންވެސް ވަނީ މަސައްކަތްކޮށްފައެވެ. ލަތީފް ވިދާޅުވީ، އެވާހަކަ އެންމެ ފުރަތަމަ ދެކެވުނުއިރު، ކާވާގެ އަސާސީ ގަވާއިދާއި އެ އެސޯސިއޭޝަނާއި ގުޅޭ އެކިކަންކަން ހުރީ ބޭނުންވާ މިންގަނޑަށް ފުރިހަމަނުވެކަމަށެވެ. އެކަމަކު އޭގެ ފަހުން 2021 ވަނަ އަހަރު ކާވާގެ އަސާސީ ގަވާއިދާއި ދެންހުރި ކަންކަން ފުރިހަމަވެގެން ކުރިއަށް ހިނގައިގަންނަށް ފަށައި، މިހާރު ބޭނުންވާ ކަންކަން ހުރީ ފުރިހަމަ ކުރެވިފައިކަމަށެވެ.

ވޮލަންޓަރީ އުސޫލުން ގިނަ ދިވެހިންތަކެއް އަންނަނީ މިހާރުވެސް ކާވާގައި މަސައްކަތްކުރަމުންނެވެ. ލަތީފް ދެކޭ ގޮތުގައި ކާވާގެ ހެޑް އޮފީސް ރާއްޖެ އައުމަކީ ދިވެހި ވޮލީއަށް އެތަށް ގޮތަކުން ފައިދާ ކުރާނެކަމެކެވެ.

މި ބައްދަލުވުމުގައި ލަތީފްގެ އިތުރުން ކާވާގެ ސެކެޓްރީ ޖެނެރަލް ކިލިޗް ސަރްބަގިޝިވެސް ވަނީ ބައިވެރިވެފައެވެ،

ކިލިޗް ވިދާޅުވީ އެފްއައިވީބީ އާއި އޭވީސީގެ ބައިވެރިވުމާއެކު ރާއްޖޭގައި ކާވާގެ ޖެނެރަލް އެސެމްބްލީ ބޭއްވިގެން ދިޔުމަކީ ވަރަށް ފުރިހަމައަށް ކުރެވިގެންދިޔަ ކަމެއް ކަމަށެވެ.

ކާވާއަކީ ސެންޓްރަލް އޭޝިއާގެ ފަސް ގައުމާއި އަފްގާނިސްތާނާއެކު ސައުތު އޭޝިއާގެ އަށް ގައުމު ހިމެނޭހެން 14 ގައުމެއްގެ މައްޗަށް އެކުލެވޭ ޖަމިއްޔާއެކެވެ. މި އެސޯސިއޭޝަނަކީ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީން އުފައްދާފައިވާ 22 ޒޯނަލް އެސޯސިއޭޝަންގެ ތެރެއިން އެއް އެސޯސިއޭޝަނެވެ. ކާވާ އަކީ އޭޝިއާގެ ވޮލީގެ މައި ފެޑެރޭޝަން، އޭވީސީގައި ހިމެނޭ ފަސް ބައިގެ ތެރެއިން ސެންޓްރަލް އޭޝިއާ ސަރަަހައްދެވެ.