މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އާ ސީޒަނަށް މުހިންމު ގިނަ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފިއެވެ.
މާޒިޔާއިން އާ ސީޒަނަށް ކޮންޓްރެކްޓް އާކުރި ކުޅުންތެރިންގެ ތެރޭގައި މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އާއި ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އަދި ކީޕަރު ހުސެއިން ޝަރީފް ހިމެނެއެވެ.
ނިހާޓް މާޒިޔާ އާއި ގުޅުނީ 2019 ވަނަ އަހަރުއެވެ. ނިހާޓް ވަނީ 2018 ވަނަ ގައުމީ ފުޓުބޯޅަ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކުލަބް ވެލެންސިއާ އާއި ވިކްޓަރީ ސްޕޯޓްސް ކުލަބަށްވެސް ނިހާޓް ވަނީ ކުޅެފައެވެ. އަދި މިދިޔަ ސީޒަން ނިމުމާއެކު، ވެލެންސިއާއަށް ނިހާޓް ބަދަލުވާން އުޅޭކަމުގެ އަޑުވެސް ގަދަވިއެވެ.
ޒުވާން އުމުރުގައި 2016 ވަނަ އަހަރު މާޒިޔާއާ ގުޅުނު ކީޕަރު ހުސެއިން މާޒިޔާގައި ހަ އަހަރަށްވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައެވެ. ފާއިތުވި ސީޒަންތަކުގައި މާޒިޔާގެ ގޯލު ބަލަހައްޓަން ބިދޭސީ ކީޕަރުން ގެނައި ކަމުގައިވީ ނަމަވެސް ހުސެއިންއަށް ކުޅުމުގެ ފުރުސަތުދެއެވެ. ގައުމީ ޓީމުގައިވެސް ހިމެނޭ ހުސެއިން ވަނީ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ކުޅެފައެވެ. އެއީ ލާއޯސް، ބުރުނާއި، މެލޭޝިއާ އަދި ސިންގަޕޫރް މެޗެވެ.
މާޒިޔާއިން ދެން ކޮންޓްރެކްޓް އާކުރީ އެ ޓީމަށް އެންމެ ގިނަ ދުވަހު ކުޅުނު ޑުންގާގެއެވެ. ޔޫތު ޗެމްޕިއަންޝިޕް މާޒިޔާއަށް ކާމިޔާބުކޮށްދިނުމަށްފަހު ސީނިއާ ސްކޮޑުން ފެނުނު ޑުންގާގެ ހިއްސާ މާޒިޔާގެ ކާމިޔާބީތަކުގައި އޮންނާނެއެވެ. މިއީ ޑުންގާ މާޒިޔާއަށް ކުޅެދޭ 12 ވަނަ ސީޒަނެވެ.
މީގެ އިތުރުން މާޒިޔާއިން ވަނީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ ދުވަސްތަކެއް ވަންދެއް އެ ޓީމަށް ކުޅެދިން މިޑްފިލްޑަރު މުޙައްމަދު އިރުފާން (އިރޭ) ގެ ކޮންޓްރެކްޓް މުއްދަތު އިތުރުކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން އިރޭ ކުޅެމުން އައީ މާޒިޔާގައެވެ.
އިރޭގެ އިތުރުން މިޑްފިލްޑަރު އިބްރާހީމް އައިސަމް އާއި ޑިފެންޑަރު ސަމޫހް އަލީގެ ކޮންޓްރެކްޓްވެސް މާޒިޔާއިން ވަނީ އިތުރުކޮށްފައެވެ. ސަމޫހު އާއި އައިސަމް އަކީ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުގައި ހިމެނޭ މުހިންމު ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން އަންނަނީ ގައުމީ ސްކޮޑުގެ ފުރަތަމަ އެގާރާއިގައި ގަވާއިދުން ކުޅެމުންނެވެ. އަނެއްކޮޅުން ސަމޫހު އަކީ ގައުމީ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ އަށް އަނިޔާގެ ސަބަބުން އެންމެ ފަހުން ކުޅުނު ދެ މެޗު ގެއްލުމުން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާއެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން މި ފަހަރު ފަށަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމާފައި ވަނީ މާރިޗު މަހުގައެވެ. އެގޮތުން މިހާރުގެ ޓެންޓިޓިވް ކަލަންޑަރުގައި ވާގޮތުން މާރިޗު މަހުގެ ފަހުކޮޅު ސީޒަން ފަށާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.