އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި މި އަހަރުވެސް މޯލްޑިވްސް ޕްރޯ ހިމަނައި، އައިބީސީ ކަލަންޑަރު އިއުލާންކޮށްފިއެވެ.
ބޮޑީބޯޑިންގެ އެންމެ މަތީ ފަންތީގެ މުބާރާތެއްގެ އެއް ލެގު މިދިޔަ އަހަރު ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާފައެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި 29 އިން އޯގަސްޓް 7 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ އައިބީސީ ޓުއާގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުންނާ ވާދަކޮށް ރާއްޖޭގެ އެތުލީޓުން ވަނީ ރަނގަޅު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަޙްމަދު (ކުޑަ އައްޔަ) ވަނީ ޑްރޮޕް ނީ ބައިގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. މީގެ އިތުރުން ޖޫނިއާ ބައިގެ ފައިނަލުގައި އާމިން އުމަރު މޫސާ ވަނީ ވާދަކޮށްފައެވެ. އެއާއެކު މި ދެ ބޮޑީބޯޑަރުން ވަނީ ދުނިޔޭގެ ރޭންކިންގައިވެސް ހިމެނިފައެވެ. މިދިޔަ އަހަރު ނިމުނުއިރު، ކުޑަ އައްޔަ އޮތީ ޑްރޮޕް ނީ ބައިގެ 12 ވަނައިގައެވެ.
މިދިޔަ އަހަރުގެ ތަޖުރިބާއާއެކު ރާއްޖޭގެ ބޮޑީބޯޑަރުން އަންނަނީ ވޯލްޑް ޓުއާ މުބާރާތްތަކުގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޑަ އައްޔަ އަންނަނީ މޯލްޑިވްސް ޕްރޯ ހިމެނޭހެން ހަތަރު މުބާރާތެއްގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުގެ މުބާރާތައް ފަހު އައިބީސީން ބުނީ ރާއްޖޭގައި ބޭއްވި މުބާރާތަކީ އިންތިޒާމުގެ ގޮތުންނާއި ލެވަލްގެ ގޮތުން ވަރަށް ފެންވަރު ރަނގަޅު މުބާރާތެއް ކަމަށެވެ. އަދި ރާއްޖޭގެ ބޮޑީބޯޑިން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތައް އެ އިދާރާއިން ވަނީ ތައުރީފުކޮށްފައެވެ.
އައިބީސީން މިއަހަރުގެ ކަލަންޑަރު އިއްޔެ އިއުލާންކުރިއިރު، މޯލްޑިވްސް ޕްރޯ އޮންނާނީ އޮގަސްޓް މަހުގެ 3 އިން 12 އަށެވެ. މިއަހަރުގެ މޯލްޑިވްސް ޕްރޯ އަކީ އައިބީސީގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ.
ރާއްޖޭގައި ބާއްވާ މުބާރާތުގައި ހަތަރު ކެޓަގަރީ އެއް ހިމަނާފައިވުމާއި، ޕޮއިންޓްގެ އަދަދަށް ބަލާއިރު އެންމެ މަތިން ޕޮއިންޓް ލިބޭ މުބާރާތަކަށް މޯލްޑިވްސް ޕްރޯ ވުމުގެ ސަބަބުން މި އަހަރު ގިނަ ބޯޑަރުންތަކެއް ރާއްޖެ އަންނާނެ ކަމަށް ބެލެވެއެވެ.