އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ފުލަމް ރޭ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ނަމަވެސް މިއާއެކުވެސް ޗެލްސީ ފެނިގެންދިޔައީ ފޯވަޑް ލައިން ބަލިކަށިކޮށެވެ. މިގޮތުން ފުލަމް ގޯލަށް އަމާޒުކޮށް ޗެލްސީއަށް ފޮނުވާލެވިފައިވަނީ ތިން ހަމަލާއެވެ.
މިމެޗްގައި އިނގިރޭސިވިލާތުގެ ރިކޯޑް އަގަކަށް ޗެލްސީއަށް މީގެ ތިން ދުވަސް ކުރިން ސޮއިކުރި އާޖެންޓީނާގެ ވާރލްޑް ކަޕް ތަރި އެންޒޯ ފެނާންޑޭޒްވަނީ ކުޅެފައެވެ. މިމެޗްގައި ފެނާންޑޭޒްވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ލަނޑެއް ޖެހުމާވެސް ގާތަށް ދިޔައެވެ. އަދި ޗެލްސީއަށް މިމެޗްގައި ލިބިގެންދިޔަ އެންމެ ރަނގަޅު ދެފުރުސަތުގައި ކައި ހަވާރޓްޒް ފޮނުވާލި ހަމަލާ ފުލަމް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު ޗެލްސީއަށް ފުރަތަމަ މެޗް ކުޅެމުންދިޔަ ޑޭވިޑް ޑެޓްރޯ ފޮފާނާ ފޮނުވާލި ހަމަލާ ފުލަމުން ސަލާމަތްކުރީ ގޯލް ރޮނގުމަތިންނެވެ. މިމެޗްގައި ފުލަމްއިން ވަނީ ވަރަށް ރަނގަޅަށް މުޅި މެޗްގައި ޑިފެންޑް ކޮށްފައެވެ.
މިމެޗް އެއްވަރު ވުމުން ފުލަމް މިހާރުވަނީ 22 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޗެލްސީ އުޅެނީ އޭގެ ދެޕޮއިންޓް ފަހަތުން 9 ވަނައިގައެވެ.