ކުޅިވަރު

އާސެނަލާއެކު ހަދާފައިވާ އެއްބަސްވުން މާޓިނެއްލީ އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ އާސެނަލްއަށް ކުޅެމުންދާ ބްރެޒިލްގެ ގެބްރިއެލް މާޓިނެއްލީ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

މަޢުލޫމާތުލިބިފައިވާގޮތުގައި މާޓިނެއްލީ ސޮއިކޮށްފައިވަނީ ދިގު މުއްދަތުގެ އާ އެއްބަސްވުމެކެވެ.

އުމުރުން 21 އަހަރުގެ މާޓިނެއްލީ އާސެނަލްއަށް ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރު ބްރެޒިލްގެ ކްލަބެއް ކަމަށްވާ އިޓުއާނޯއިންނެވެ. އަދި މިހާތަނަށްވަނީ އާސެނަލްއަށް 111 މެޗް ކުޅެދީފައެވެ. މިސީޒަންގައި މާޓިނެއްލީ އަންނަނީ އާސެނަލް ޓީމްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ހަތް ލަނޑު ވަނީ މިސީޒަންގައި ޖަހާދީފައެވެ.

އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާ ހާމަކުރިގޮތުގައި މާޓިނެއްލީއަކީ އަދިވެސް ވަރަށް ޒުވާން ކުޅުންތެރިއެއް ކަމުން އޭނާގެ މޮޅު ކުޅުން ފެނުން އަދި އޮތީކަމަށެވެ. މާޓިނެއްލީގެ ހުނަރުވެރިކަމާއި އޭނާގެ ފަރާތުން ޓީމަށް އަންނަ ކުރިއެރުން ކޮންމެ މެޗެއްގައިވެސް ދަނޑުމަތީގައި ސަޕޯޓަރުންނަށް ފެނިގެންދާއިރު އޭނާއަކީ ފަރިތަކުރުންތަކުގައިވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. މާޓިނެއްލީވަނީ ބްރެޒިލްގެ 23 އަހަރުން ދަށުގެ ޓީމަށް އަށް މެޗް ކުޅެދީފައެވެ. އަދި މިދިޔަ އަހަރުގެ މާރޗްމަހު ވަނީ ސީނިއަރ ޓީމަށް ކުޅެން ފަށާފައެވެ. އަދި މިދިޔަ އަހަރު ފަހު މޮޅު ބޭއްވި ފީފާ ވާރލްޑް ކަޕްގައި ވާދަކުރި ބްރެޒިލް ޓީމްގައި ހިމެނި އޭނާވަނީ ދެމެޗެއްގައި ކުޅެފައެވެ.