މިއަހަރުގެ ފަހުކޮޅު ޗައިނާގެ ހަންގްޒޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އިން ބޭއްވި ފަން ރަން ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހޮނިހިރު ދުވަހު ހެނދުނު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުވައިފައި ހުންނަވާ ސަފީރު ވަން ލިޒިންގެ އިތުރުން ފޮރިން ސެކްޓްރީ އަޙްމަދު ލަތީފާއި، އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޑިރެކްޓާ އޮފް މީޑިއާ އެންޑް ބްރޯޑްކާސްޓް ޑިޕާޓްމަންޓް، ޖިއާން ޒޯގެ އިތުރުން ޗައިނާގެ ކުންފުނިތަކުގެ އިސްވެރިންނާއި، ސްކޫލް ކުދިންނާއި، އެތުލީޓުން ހިމެނޭހެން 700 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ.
މި ރަން ކުރިއަށްދިޔައީ ހުޅުމާލެ ސިންތެޓިކް ޓްރެކުން ފަށައިގެން ވަކި ރޫޓަކުން ދުވެފައި، ތިން ކިލޯމީޓަރު ހަމަވާ ގޮތަށް، ސިންތެޓިކް ޓްރެކުން ނިންމާ ގޮތަށެވެ.
މި ފަހަރުގެ އޭޝިއަން ގޭމްސް ކުރިއަށްދާނީ ޗައިނާގެ ހަންޒޯ ސިޓީގައި ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށްށެވެ. މި އަހަރުގެ ގޭމްސްގައި ރާއްޖެއިން 11 ކުޅިވަރަކުން 200އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާނެއެވެ. މިއީ މިހާ ގިނަ ދިވެހި އެތުލީޓުން ވާދަކުރާނެ ދެވަނަ ބޮޑު ގޭމްސްއެވެ.