ޤަވާޢިދާ ޚިލާފަށް އިޓަލީވިލާތަށް ހިޖުރަކުރަން އުޅުނު ބަޔަކު ތިބި ބޯޓަކުން މަރުވެފައިވާ އަށް މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ. މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތްކުރަނިކޮށް ހާލުގައި ޖެހުނު ބޯޓު އެ ޤައުމުގެ ކޯސްޓްގާޑުން ވަނީ ހިފަހައްޓާފައެވެ. އަދި، އޭގައި ދަތުރުކުރަމުންދިޔަ މީހުން ސަލާމަތްކޮށްފައެވެ.
އިޓަލީވިލާތުގެ ކުޑަ ރަށެއް ކަމުގައިވާ ލަމްޕެޑޫސާ ކައިރިން ފެނުނު ބޯޓުގައި 50 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި، އޭގެތެރެއިން 42 މީހުން ސަލާމަތް ކުރެވުނު ކަމުގައި އެ ރަށުގެ މޭޔަރު ފިލީޕޯ މެނީނޯ ވިދާޅުވިއެވެ. ނަމަވެސް، މަރުވެފައިވާ އަށް މީހުންގެ ހަށިގަނޑު ވެސް ބޯޓުގައި އޮތް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފަސް ފިރިހެނުންނާއި، ތިން އަންހެނުންނެވެ. އެކަކަކީ މާބަނޑު އަންހެނެކެވެ.
ކަނޑުވެފައިވާ ބޯޓަކީ ތޫނިސްއިން ފުރައިގެން އިޓަލީވިލާތަށް ދަތުރުކުރި ބޯޓެއް ކަމުގައި، އޭގައި ދަތުރުކުރި މީހުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނޭ ކަމަށާއި، އެ ކުއްޖާގެ ހަށިގަނޑު ކަނޑަށް ދޫކޮށްލާފައިވާ ކަމުގައި ވެސް އެ މީހުން ބުންޏެވެ. މަރުވި މީހުންގެ ތެރޭގައި އެ ކުއްޖާގެ މަންމަ ވެސް ހިމެނެއެވެ. އަދި، ބޯޓުގައި ދަތުރުކުރި އިތުރު ދެ މީހެއްގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ.
ބޯޓުގައި ދަތުރުކުރި މީހުންނާއި، މަރުވެފައިވާ މީހުންގެ ހަށިތައް މިހާރު ވަނީ އެއްގަމަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގާފައި މި ވަނީ، ވިލާތުގެ ކޮމިޝަނުގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު އެއް މައުޟޫޢަކީ، ޤަވާޢިދާ ޚިލާފަށް ހިޖުރަކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމެވެ.
މި ބައްދަލުވުމުގައި، ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުގެ އިތުރު އެހީތެރިކަމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ އެދިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އިޓަލީވިލާތަކީ، އުތުރު އެފްރިކާގެ ޤައުމުތަކުގެ ރެފިޔުޖީން ވިލާތުގެ ޤައުމުތަކަށް ހިޖުރަކުރުމަށް ބޭނުންކުރާ އެއް މަގެވެ. ނަމަވެސް، މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް އެ މީހުން ކުރަނީ ބިރުވެރިކަމާއި ނުރައްކަލުން ފުރިފައިވާ ދަތުރެކެވެ.
މި އަހަރުގެ ތެރޭގައި އެފްރިކާގެ ޤައުމުތަކުން އިޓަލީވިލާތަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު 5,000 އަށްވުރެ މައްޗަށް އަރައެވެ. އަދި، މި ދަތުރުގައި ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލެއެވެ. 2022 ޖަނަވަރީގައި އިޓަލީވިލާތަށް ހިޖުރަކުރި މީހުންގެ ޢަދަދަކީ 3,000 އެވެ. އަދި، 2021 ވަނަ އަހަރުގެ އެ މުއްދަތުގައި އެ ޤައުމަށް ހިޖުރަކޮށްފައިވާ މީހުންގެ ޢަދަދު 1,000 އަށްވުރެ ގިނައެވެ.
ހުސްވި 2022 ވަނަ އަހަރު މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް އިޓަލީވިލާތަށް ހިޖުރަކުރަން މަސައްކަތްކުރި މީހުންގެ ތެރެއިން 1,377 މީހުން މަރުވެފައިވާ ކަމަށް، ނުވަތަ ކަނޑުވެ ގެއްލިފައިވާ ކަމުގައި ހުޖުރަވެރިންނާ ބެހޭ ބައިނަލްއަޤުވާމީ އިދާރާ (އައި.އޯ.އެމް(އިން ބުނެއެވެ.