އެމެރިކާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ފިނީގެ ތޫފާނެއް ކުރިމަތިވެ، ފިނިހޫނުމިން އާދަޔާޚިލާފަށް ދަށަށް ގޮސްފިއެވެ. މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދާ ސްޓޭޓްތަކުގެ ތެރޭގައި ނިއު ޔޯކް، މެސެޗުސެޓްސް، ކަނެޓިކަޓް، ރޯޑް އައިލެންޑް، ނިއު ހެމްޝަޔަރ، ވަރމޮންޓް އަދި މެއިން ހިމެނެއެވެ.
އެ ސަރަޙައްދުތަކުގައި 16 މިލިޔަނަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. ފިނީގެ ތޫފާނާ އެކު ނިއު ހެމްޝަޔަރގެ މައުންޓް ވޮޝިންގްޓަން ސަރަޙައްދުގައި ވައިގެ ފިނިހޫނުމިން ވަނީ މައިނަސް 79 ޑިގްރީ ސެލްސިއެސްއަށް ދަށްވެފައެވެ. އެ ސަރަޙައްދުތަކަށް ފިނީގެ ތޫފާނެއް އައިސްފައި ވަނީ، އާކްޓިކް ސަރަޙައްދުން ފިނި ވައި ޖެހެމުންދިޔުމުގެ ސަބަބުން ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާ (އެން.ޑަބްލިޔު.އެސް)އިން ހާމަކުރެއެވެ.
މި ތޫފާނާ އެކު ބައެއް މީހުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު އެން.ޑަބްލިޔު.އެސް.އިން ވަނީ ކޮށްފައެވެ. އަދި، ފިނި ގަދަވުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމުގައިވާ ފްރޮސްޓްބައިޓް ނުވަތަ އަތްފައިގެ އިނގިލިތައް ގަނޑުވުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ، އެ އިދާރާއިން ވަނީ ބޭރަށް ނިކުމެ އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމުގައި ބުނެފައެވެ.
އަދި، ހަށިގަނޑުގެ ފިނިހޫނުމިން އިންތިހާއަށް ދަށްވެ، ހައިޕޮތަރމިޔާ ޖެހުމުގެ ފުރުޞަތު ވެސް އޮތް ކަމުގައި އެން.ޑަބްލިޔު.އެސް.އިން ބުނެއެވެ. ފިނީގެ ތޫފާނާ ގުޅިގެން މެސެޗުސެޓްސްގެ އެންމެ ބޮޑު ދެ ރަށް ކަމުގައިވާ ބޮސްޓަންއާއި ވޯސެސްޓަރގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ. ތޫފާނާ ގުޅިގެން 650,000 މީހުންގެ އާބާދީއެއް އޮންނަ ބޮސްޓަންގައި ވަނީ ކުއްލި ހާލަތެއް އިޢުލާނުކޮށްފައެވެ.
ފިނީގެ ތޫފާނާ އެކު މިނެސޯޓާގެ ފިނިހޫނުމިން މައިނަސް 39.5 ޑިގްރީ ސެލްސިއެސްއަށް ވެއްޓުނެވެ. މެއިންގެ ފިނިހޫނުމިން ވަނީ މައިނަސް 40 ޑިގްރީ ސެލްސިއެސްއަށް ދަށަށް ގޮސްފައެވެ. އަދި، މައުންޓް ވޮޝިންގްޓަން ނޭޝަނަލް ޕާކް ހުންނަ ސަރަޙައްދުގެ ފިނިހޫނުމިން މައިނަސް 46 ޑިގްރީ ސެލްސިއެސްއަށް ވެއްޓުނު އިރު، އެ ސަރަޙައްދަށް ޖެހެމުންދިޔަ ވައިގެ ފިނިހޫނުމިން ހުރީ މައިނަސް 76 ޑިގްރީ ސެލްސިއެސްގައި ކަމަށް އެން.ޑަބްލިޔު.އެސް.އިން ބުންޏެވެ.
އެމެރިކާގެ އިރުއުތުރުގެ ސަރަޙައްދުތަކުގެ ފިނިހޫނުމިން އާދަޔާޚިލާފަށް ދަށްވެފައިވީ ނަމަވެސް، އެ ޤައުމުގެ ދެކުނުގައިވާ ސަރަޙައްދުތަކުގެ ފިނިހޫނުމިން ވަނީ އުފުލެން ފަށާފައެވެ. އަދި، ޕެސިފިކް ކަނޑުގައި އުފެދެމުންދާ ފިނީގެ ތޫފާނަކާ ގުޅިގެން، އެމެރިކާގެ ހުޅަނގު ފަރާތުގައި އޮންނަ ކެލިފޯނިޔާއަށް ބޯކޮށް ސްނޯ ފައިބާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.