އީރާނާ ދެކޮޅަށް ކުރާ ޣައިރުޤާނޫނީ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާގެ ޒުވާނުންގެ ދަރަނިތައް މަޢާފުކޮށްދިނުމަށް އެދި، ޔަހޫދީ ދައުލަތުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޖެރޫސަލެމް ޕޯސްޓް" ގައި ޝާއިޢުކުރި ކޮލަމަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.
ކެނެޑާގެ އަސްކަރިއްޔާގެ ރިޓަޔާޑް އޮފިސަރެއް ކަމަށްވާ އޭޖޭ ޖަފް ލިޔުނު މި ކޮލަމްގައި ފާހަގަކޮށްފައިވަނީ، ހަމައެކަނި ވައިގެ މަގުން ދޭ ހަމަލާތަކުން އީރާން ބަލިނުކުރެވޭނެ ކަމަށެވެ. އަދި އެ ޤައުމު ކޮންޓްރޯލް ކުރުމަށްޓަކައި އެއްގަމު މަގުން އަރައިގަތުން މަޖުބޫރުވާނެ ކަމަށާއި، އެކަމަށް 750،000 އާއި 1.5 މިލިއަނާ ދެމެދުގެ ޢަދަދަކަށް ސިފައިން ބޭނުންވާނެ ކަމަށް އޭނާ ބަޔާންކޮށްފައިވެއެވެ.
ޖަފް އިތުރަށް ފާހަގަކުރި ގޮތުގައި، އެތައް މަހެއް ވަންދެން ދިން ވަރުގަދަ ހަމަލާތަކުން ވެސް އީރާނުގެ އަސްކަރީ ބާރު ކަނޑުވައިލެވިފައެއް ނުވެއެވެ. އަދި އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަށް ބޭނުންވާ މިންވަރަށް އެމެރިކާގައި ސިފައިން ނެތްކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ، އެމެރިކާގެ އަސްކަރިއްޔާގައި މިހާރު ޚިދުމަތުގައި ތިބީ އެންމެ 452،000 ސިފައިން ކަމަށެވެ. އެހެންކަމުން، މަޖުބޫރުން ސިފައިންގެއަށް މީހުން ވެއްދުމުގެ ބަދަލުގައި، ދަރަނި މަޢާފުކޮށްދޭ ޕްރޮގްރާމެއް މެދުވެރިކޮށް ޒުވާނުން އަސްކަރިއްޔާއަށް ނެރުމަކީ އެންމެ އެދެވިގެންވާ ޙައްލު ކަމަށް އޭނާ ހުށަހަޅާފައިވެއެވެ.
އެމެރިކާގެ 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ މައްޗަށް ކިޔެވުމުގެ ލޯނާއި، ކްރެޑިޓް ކާޑު އަދި އުޅަނދުފަހަރުގެ ލޯނުތައް ހިމެނޭހެން އެވްރެޖްކޮށް 40،000 އާއި 100،000 އާ ދެމެދުގެ ޑޮލަރުގެ ދަރަނި އެބައޮތެވެ. އެ ޤައުމުގެ އާބާދީގެ 77 އިންސައްތަ މީހުން ދަރަނިވެރިވެފައިވާއިރު، ޢާއިލީ ދަރަނީގެ ޖުމްލަ ވަނީ 18.8 ޓްރިލިއަން ޑޮލަރަށް އަރާފައެވެ.
ޖަފް ހުށަހަޅަނީ 24 ނުވަތަ 36 މަސްދުވަހު އަސްކަރިއްޔާގައި ޚިދުމަތްކުރުމުން މި ދަރަނިތައް ސަރުކާރުން އެއްކޮށް މަޢާފުކޮށްދިނުމަށެވެ. މިއީ އުޞޫލެއްގެ ގޮތުން ސުވާލު އުފެދޭ މަގެއް ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއަށް މިވަގުތު އިތުރު ސިފައިން ހޯދުމަށް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށް އޭނާ ދެކެއެވެ.
މީގެއިތުރުން، އީރާން ބަލިކުރުމަށްޓަކައި އެ ޤައުމުގެ މައިނޯރިޓީ އާބާދީތަކުގެ މިނިވަންކަން އެމެރިކާގެ ކޮންގްރެސްއިން ޤަބޫލުކުރުމާއި، ތެލުގެ ވިޔަފާރީގައި ޗައިނާއާއެކު އެއްބަސްވުމަކަށް އައުމަށް ވެސް މި ލިޔުމުގައި ހުށަހަޅާފައިވެއެވެ.
މި ލިޔުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ ބަންޑުންވެފައެވެ. ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަން ސިފަކޮށްފައިވަނީ، ދަރަނިވެރިވެފައިވާ އެމެރިކާގެ ޒުވާނުން ހަނގުރާމައިގެ ކުރީ ސަފުގައި ޤުރުބާންކުރުމަށް ރޭވި ނާތަހުޒީބު އަދި މަކަރުވެރި ރޭވުމެއްގެ ގޮތުގައެވެ.
އަދި މިއީ ޔަހޫދީ ދައުލަތަށް އެމެރިކާގެ ރައްޔިތުން ޤުރުބާންވުމަށާއި، ބޭރުގެ ހަނގުރާމައަކަށް އެމެރިކާގެ ޓެކްސް ފައިސާ ޚަރަދުކުރުމަށް ޔަހޫދީ ނޫހަކުން ޝާއިޢުކުރި ލަދުވެތި ހުށަހެޅުމެއް ކަމަށް ބުނެފައިވެއެވެ. ގިނަ ފަރާތްތަކަކުން ދެކޭގޮތުގައި، ޔަހޫދީންގެ މަޤްޞަދަކީ އެމެރިކާގެ އެންމެ ފަހު މީހާއާ ހަމައަށް ވެސް އީރާނާ ދެކޮޅަށް ހަނގުރާމަކުރުވައި، އެމެރިކާގެ ވަސީލަތްތައް ބޭނުންކުރުމެވެ.