ރަޝިއާ އާއި ޔޫކްރެއިނުން އެއް ގައުމު އަނެއް ގައުމުގެ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ބަދަލުކޮށްފިއެވެ.
ރަޝިއާ އާއި ޔޫކްރެއިންގެ ކުރިމަތިލުންތައް އާންމުކޮށް ހިނގާ ހަނގުރާމައިގެ ކުރީ ސަފާ މާ ދުރުގައިވާ މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް، ދެ ގައުމުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ބަދަލުކޮށްފިއެވެ. މި ހަމަލާތަކަކީ ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށްވާއިރު، މި ހަމަލާތަކާ ގުޅިގެން މީހުން މަރުވެ، ބައެއް މީހުން ޒަޚަމްވުމުގެ އިތުރުން ބޮޑެތި ގެއްލުންތަކެއް ލިބި، އަލިފާނުގެ ހާދިސާތައް ވަނީ ހިނގާފައެވެ.
ޔޫކްރެއިންގެ ރައީސް ވްލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ފޮނުވާލި ޑްރޯން ހަމަލާއެއް ވަނީ ކީވްގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އެ ގައުމުގެ ސެކިއުރިޓީ ސަރވިސް (އެސްބީޔޫ) ގެ މައި އިދާރާއަށް ސީދާ އަމާޒުވެފައެވެ. މިއީ އެ އިދާރާގެ ވެރިޔާގެ އޮފީހަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ބެލެވޭއިރު، ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވަނީ މި ހާދިސާގައި ފަސް މީހަކު ޒަޚަމްވިކަން ކަށަވަރުކޮށްދެއްވާފައެވެ. މި ހަމަލާއާ ގުޅިގެން ކީވްގެ މުހިންމު ބައެއް އިމާރާތްތައް ހުންނަ ސަރަހައްދުން ބޯ ދުން އަރަމުންދިޔަ މަންޒަރު ވަނީ ފެނިފައެވެ.
މީގެ އިތުރުން، ޔޫކްރެއިންގެ ދެކުނުގައިވާ އޮޑެސާ ސަރަހައްދަށް ރަޝިއާއިން ދިން ހަމަލާތަކުގައި އެކަކު މަރުވެ، އިތުރު ފަސް މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޮލެހް ކީޕަރ ވިދާޅުވިއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އިދާރީ އިމާރާތްތަކަށާއި، އާންމުންނާއި ސަރުކާރުގެ ބައެއް އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި، ރަޝިއާއިން ފޮނުވާލި 121 ޑްރޯން އަދި މިސައިލެއްގެ ތެރެއިން 103 އަމާޒެއް ވަނީ ވައިގެ ތެރޭގައި ދިފާއުކޮށް ނައްތާލާފައެވެ.
އަނެއްކޮޅުން، ޔޫކްރެއިނުން ވަނީ ކަޅުކަނޑުގެ އައްސޭރީގައި އޮންނަ ރަޝިއާގެ ސޯޗީ ސިޓީއަށާއި، އަވަށްޓެރި ސީރިއުސް ފެޑެރަލް ސަރަހައްދަށް ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފައެވެ. ކްރަސްނޯދާރު ސަރަހައްދީ އިދާރާތަކުން ބުނި ގޮތުގައި، ވައްޓާލެވުނު ޑްރޯންތަކުގެ ބައިތައް ވެއްޓި އެ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނެއްގައި ވަނީ އަލިފާން ރޯވެފައެވެ. އަދި ބައެއް އާންމު އިމާރާތްތަކަށް ގެއްލުން ލިބުނު ނަމަވެސް، މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާގެ ސަރަހައްދުތަކާއި، ކްރައިމިއާ އަދި ކަޅުކަނޑުގެ މަތިން ޔޫކްރެއިންގެ 490 ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. އަދި ޔޫކްރެއިންގެ އަސްކަރީ އެކިއެކި ހަތިޔާރާއި އަދި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާ ކަމަށްވެސް ރަޝިޔާއިން ބުނެއެވެ. އޭގެ ތެރޭގައި ކީވް ސަރަހައްދުގެ ލޮޖިސްޓިކްސް މަރުކަޒަކާއި، ޔުޒްނީ ބަނދަރުގައި އަސްކަރީ ސާމާނު އުފުލި ކަމަށް ބުނާ އުޅަނދުތަކުގެ އިތުރުން ޗޯނޮމޯސްކްގެ ތެޔޮ ޓާމިނަލް ހިމެނެއެވެ. ނަމަވެސް، މި ވާހަކަތައް މިނިވަން ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.