މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުލަބް އީގަލްސްއަށް ކުޅުނު އުއްމީދީ ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ސޮއި ހޯދައިފިއެވެ.
އުމުރުން 24 އަހަރުގެ ހަންނަ މާޒިޔާއަށް ސޮއިކޮށްފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިއީ އާ ސީޒަނަށް ތައްޔާރުވާ މާޒިޔާއަށް މި ސީޒަނުގައި ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ހަންނަ ކުޅޭ ދެވަނަ ކުލަބެވެ.
ހަންނަ ވަނީ ކުލަބު އީގަލްސްއާއި 2015 ގައި ގުޅުމަށްފަހު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ހޯދި އީގަލްސް ޓީމުގައި ވެސް ހަންނަ ހިމެނެއެވެ.
ކުލަބު އީގަލްސްގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކުޅުންތެރިއަކީ ހަންނަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު ޔޫތު ޗެމްޕިއަންޝިޕުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ކުޅެފައެވެ. ހަންނަ ދަނީ ސީނިއާ ޤައުމީ ޓީމުގައި ވެސް ހިމެނި ފުރަތަމަ އެގާރައިގައި ކުޅެފައެވެ. އެގޮތުން އެންމެފަހުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ހަންނަ ކުޅުނުއިރު މުހިއްމު ގިނަ ލަނޑުތަކެއް ވެސް ވަނީ ޖަހާފައެވެ.
މާޒިޔާއިން ވަނީ އެ ކުލަބުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކޮށްފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ނުވަ ކުޅުންތެރިއަކުގެ ކޮންޓްރެކްޓް އާ ކޮށްފައިވެއެވެ. އެ ކުޅުންތެރިންގެ ތެރޭގައި ހަމްޒާ މުހައްމަދު، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެ އެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން މި ފަހަރު ފަށަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމާފައި ވަނީ މާރިޗު މަހުގައެވެ. އެގޮތުން މިހާރުގެ ވަގުތީ ކަލަންޑަރުގައި ވާގޮތުން މާރިޗު މަހުގެ ފަހުކޮޅު ސީޒަން ފަށާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.