އޭޝިއަން ޕޫލް ފެޑެރޭޝަން (އޭޕީއެފް) އާއި މެޗްރޫމް ޕޫލް ގުޅިގެން ކުރިއަށްގެންދާ 9 ބޯލް އޭޝިއަން ޓުއާގެ ފުރަތަމަ މުބާރާތް މި އަހަރުގެ އޭޕްރީލް މަހު ރާއްޖޭގައި ބާއްވަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ބިލިއާޑް މުބާރާތެވެ. މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އޭޕީއެފް ގެ ކަލަންޑަރުގައި އިއުލާނުކޮށްފައިވާ ތާރީހަކީ އޭޕްރީލް މަހުގެ 22-26 އަށެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މި އިވެންޓަކީ ނައިންބޯލް އޭޝިއަން ޓުއާދަށުން ނައިންބޯލް ވޯލްޑް ރޭންކިން މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ޖުމްލަ 130،000 އެމެރިކާ ޑޮލަރުގެ އަގު ބޮޑު މި މުބާރާތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކުރާނީ ދުނިޔޭގެ އެންމެ މޮޅު ނައިންބޯލް އެތުލީޓުންނެވެ. މޯލްޑިވްސް އޯޕަންގެ ޗެމްޕިއަން ކުޅުންތެރިޔާއަށް ދޭ ޓްރޮފީގެ އިތުރުން 30،000 ޑޮލަރުގެ ފައިސާގެ އިނާމާއި ނައިންބޯލް އަދި އޭޕީއެފް ރޭންކިން ޕޮއިންޓް ލިބޭނެ އެވެ. ދިވެހި އަދި ބައިނަލްއަގުވާމީ 64 ކުޅުންތެރިންގެ ފީލްޑަކާއެކު އެންޓްރީ ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 200 އެމެރިކާ ޑޮލަރެވެ.
މި މުބާރާތަށް ކަނޑައަޅާފައިވާ 64 ކުޅުންތެރިންގެ ސްލޮޓުގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ އެންމެ ގަދަ 16 ނައިން ބޯލް އެތްލީޓުން ބައިވެރިވާއިރު، ރާއްޖޭގެ 16 އެތްލީޓުންނަށް ވެސް މި މުބާރާތުގައި ފުރުސަތު ދޭނެއެވެ. މީގެއިތުރުން މުޅި ދުނިޔެއަށް ހުޅުވާލައިގެން 32 އެތްލީޓަކަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ މާރޗް މަހުގެ 1 ގައެވެ.
މީގެ ދެ އަހަރުކުރިން ސަރުކާރުގެ ހަރަދުގައި ވަނީ ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް މާލޭގައި ޤާއިމުކޮށްފައެވެ. 12 ބިލިއަޑް ބޯޑް ހުންނަ މި ފެސިލިޓީއާއެކު އެސޯސިއޭޝަނުން ދިޔައީ ބައިނަލްއަޤްވާމީ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންގެ ތެރެއިން ޤައުމީ ޓީމުގެ 8 ކުޅުންތެރިއަކަށް ޖާގަ ވަނީ ލިބިފައެވެ. ބާކީ އޮތް 8 ޖާގައަށް ކުޅުންތެރިން ހޮވާނީ ރޭންކިން މުބާރާތެއްގެ ތެރެއިން ކަމަށް އެމްޕީބީއޭ އިން މައުލޫމާތުދެއެވެ.