ގޯލްކީޕަރު މުޙައްމަދު ފައިސަލާއި، ދެ ޑިފެންޑަރުން ކަމަށްވާ ހުސެއިން ޝިފާއު ޔޫސުފް (ކުރޯ) އަދި ޝަމްވީލް މުޙައްމަދު (ބޮންޑާ) ގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ޚަލީލް ޖަމާލުގެ ސޮއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފިއެވެ.
މާޒިޔާއިން އައު ސީޒަނަށް އެ ކުލަބްގެ ސްކޮޑް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ކުލަބުން ވަނީ އެ ކުލަބްގައި ތިބި ނުވަ ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފައެވެ. މީގެ އިތުރުން އެ ކުލަބުން ވަނީ ކުރޯ، ފައިސަލް، ޝަމްވީލްގެ އިތުރުން އީގަލްސްއަށް މިދިޔަ ސީޒަނުގައި ކުޅުނު ހަސަން ރާއިފް އަޙްމަދާއި، ޚަލީލްގެ ސޮއި ހޯދައިފައެވެ.
މާޒިޔާއިން ސޮއި ހޯދި ކީޕަރު ފައިސަލަކީ ގައުމީ ޓީމުން 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގެ ބޮޑުބައި މުސާރައިގެ މައްސަލައިގައި ފައިސަލް ކުޅެފައިނުވާއިރު، އޭނާ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލަން އުޅޭކަމަށްވެސް އަޑުފެތުރުނެވެ.
މާޒިޔާއިން ސޮއި ހޯދި ކުރޯއަކީ ކުލަބް އީގަލްސްއިން 2013 ވަނަ އަހަރު ކެރިޔަރު ފެށި ކުޅުންތެރިޔެކެވެ. މިދިޔަ ދެ ސީޒަނުގައިވެސް ކުރޯ އީގަލްސްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނުއިރު، އީގަލްސްއިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ޓީމުގައި ކުރޯ ހިމެނުނެވެ. ކުރޯ މާޒިޔާއާއެކު ހަދާފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެކެވެ.
މާޒިޔާއިން ދެން ސޮއި ހޯދި ޝަމްވީލަކީ މިދިޔަ ސީޒަންގެ ދެވަނަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއެކު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔެކެވެ. ޝަމްވީލްވެސް މާޒިޔާއާ ގުޅުނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މާޒިޔާއިން ސޮއި ހޯދި ބިދޭސީ ފުރަތަމަ ކުޅުންތެރިޔަކީ މިދިޔަ ސީޒަނުގައި ވެލެންސިއާގައި މޮޅު ކުޅުމެއްދެއްކި ޚަލީލެވެ. ޚަލީލް ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ކުލަބްތަކަށް ކުޅެފައެވެ. އެގޮތުން އޭނާ މީގެ ކުރިން ކްލަބް ގްރީން ސްޓްރީޓްސްއިންވެސް ފެނުނެވެ.
ރާއްޖޭގެ ފުޓުބޯޅަ ސީޒަން މި ފަހަރު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނީ މާޗު މަހުގައެވެ. އެގޮތުން މިހާރުގެ ވަގުތީ ކަލަންޑަރުގައި ވާގޮތުން މާޗު މަހުގެ ފަހުކޮޅު ސީޒަން ފަށާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.