ކުޅިވަރު

ގޯލްޑަން ފުޓްސަލް ޗެލެންޖް: ހޯރަފުއްޓާއި އުތީމު އެއްވަރު، ވަށަފަރާއި ދިއްދޫއަށް ފަސޭހަ މޮޅެއް


ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި އާދީއްތަ ދުވަހުގެރޭ ހއ. ހޯރަފުއްޓާއި ހއ. އުތީމު ބައްދަލުކުރި މެޗު އެއްވަރުވިއިރު، ހއ. ވަށަފަރާއި އެ އަތޮޅު ދިއްދޫ ކުޅުނު މެޗުތަކުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ހއ. އަތޮޅުގެ ގްރޫޕް ދޭއްގައި ހޯރަފުއްޓާއި އުތީމު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕްގެ އަނެއް މެޗުން ވަށަފަރު ވަނީ 4-0 ގެ ނަތީޖާއަކުން އިހަވަންދޫ ބަލިކޮށްފައެވެ.

ހއ. އަތޮޅުގެ ގްރޫޕް އެކެއްގައި ކެލާއިން ވަނީ 2-0 ގެ ނަތީޖާއަކުން މާރަންދޫ ބަލިކޮށްފައެވެ. އަދި އެ އަތޮޅުގެ ގްރޫޕް ތިނެއްގައި ތަކަންދޫ އަތުން ދިއްދޫ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އެ ގްރޫޕުގައި މުރައިދޫ އަތުން ފިއްލަދޫ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ވަނީ ހދ. އަތޮޅުގެ މެޗުތައްވެސް ކުޅެފައެވެ. އެގޮތުން ހދ. އަތޮޅުގެ ގްރޫޕް ދޭގައި ފިނޭ އަތުން ކުމުންދޫ 1-0 ގެ ނަތީޖާއަކުން މޮޅުވިއިރު، މަކުނުދޫ އަތުން ނެއްލައިދޫ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހޯމަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން ހޯމަ ދުވަހުގެރޭ ކުޅެވިގެންދާނީ ގއ. އަތޮޅާއި، ށ އަދި ރ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.