ކުޅިވަރު

ކޭންގެ ރިކޯޑު ލަނޑާއެކު ޓޮޓްނަމުން ސިޓީ ބަލިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އަތުން ބަލިވެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލާ ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ނަގާލައިފިއެވެ.

ސްޕަރސްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް ގިނައިރު މެޗް ކޮންޓްރޯލް ކުރުމާއެކުވެސް ސްޕަރސްގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. އަދި މެޗްގެ 15 ވަނަ މިނެޓްގައި ސްޕަރސްގެ ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑާއެކު ސިޓީއަށް އެކަމުން އަރައިގަތުމަށް ކުރަން ޖެހުނު މަސައްކަތް އިތުރަށް ބޮޑުވެގެންދިޔައެވެ.

މިމެޗްގައި ކޭން ކާމިޔާބުކުރި ލަނޑާއެކު އޭނާ ވަނީ ސްޕަރސްގެ ތާރީހްގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ކުޅުންތެރިޔާގެ އާ ރިކޯޑެއް ގާއިމް ކޮށްފައެވެ. މިގޮތުން އޭނާ މިހާރުވަނީ 267 ލަނޑު ސްޕަރސްއަށް ކާމިޔާބުކޮށްދީފައެވެ. އަދި މީގެތެރެއިން 200 ލަނޑު އޭނާ ޖަހާފައިވަނީ ޕްރިމިއަރ ލީގުގައެވެ.

މިރިކޯޑް ކުރިން އޮތީ އެޓީމްގެ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ޖިމީ ގްރީވެސް އަތުގައެވެ. ޕްރިމިއަރ ލީގުގައިވެސް ކޭންއަށް ވުރެ ގިނައިން ލަނޑު ކާމިޔާބު ކޮށްފައިވަނީ ކުރީގެ ދެކުޅުންތެރިންކަމަށްވާ ވޭން ރޫނީ 208 ލަނޑު އަދި އެލަން ޝިއެރަރ 260 ލަނޑެވެ.

މިމެޗްގެ ސްޕަރސްއިން ވަނީ ވަރަށް ރަނގަޅަށް ޑިފެންޑް ކޮށް ސިޓީ އަށް މައްސަލަތައް ކުރިމަތިކޮށްފައެވެ. މިމެޗްގެ 87 ވަނަ މިނެޓްގައި ކްރިސްޓިއަން ރޮމޭރޯއަށް ވަނީ ދެވަނަ ރީނޑޫ ކާޑަކާއެކު ރަތްކާޑު ދައްކާފައެވެ. މިމެޗްގައި ސިޓީއިން ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ރިޔާދު މަހްރެއިޒްއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މިކާމިޔާބީއާއެކު ސްޕަރސް މިހާރު އުޅެނީ 22 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. އަދި މިނާކާމިޔާބީއާއެކު ސިޓީ މިހާރު އުޅެނީ 21 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ.

މިމެޗް ކާމިޔާބުކުރެވުނު ނަމަ ސިޓީއަށް ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ވަގުތީ ގޮތުން ކުޑަވެގެންދާނެއެވެ. ނަމަވެސް މިހާރު ސިޓީއިން އެއްމެޗް އިތުރަށް ކުޅެފައިވުމުން އާސެނަލް މިހާރު ނުކުޅެ އޮތް މެޗް ކާމިޔާބުކޮށްފި ކަމަށްވާނަމަ އެޓީމަށް އަށް ޕޮއިންޓްގެ ލީޑެއް ލިބިގެންދާނެއެވެ. އަދި ތިންވަނައިގާ އުޅޭ މެންޗެސްޓަރ ޔުނައިޓެޑް މިހަފްތާގައި އިތުރު އެއްމެޗް ކުޅެން އޮތުމާއެކު އެޓީމް ސިޓީ އާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކުރުމަކީވެސް ވަރަށް ގާތްކަމެކެވެ.