އިޓާލިއަން ލީގުގައި އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާ ދެކޮޅަށް ކުޅުނު ޑާބީ މެޗު އިންޓަ މިލާނުން ކާމިޔާބުކޮށްފިއެވެ.
މިދެޓީމަށް ނިސްބަތްވާ ސެންސީރޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިންޓަރއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތިޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި އިންޓަރއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ އާޖެންޓީނާގެ ފޯވަޑް ލައުޓާރޯ މާޓިނޭޒްއެވެ.
މިމެޗްގައި މީގެއިތުރުންވެސް އިންޓަރއިން ދެލަނޑު ފަހު ހާފްގައި ކާމިޔާބުކުރި ނަމަވެސް މިދެލަނޑުވެސް ގަބޫލް ނުކޮށްފައެވެ. މިގޮތުން ރޮމެލޫ ލުކާކޫ ކާމިޔާބުކުރި ލަނޑު ބަލައިނުގަންފައިވަނީ މަލިކް ޓިއާއުއަށް ފައުލް ކުރުމާއި ގުޅިގެންނެވެ. އަދި ދިގު ވީއޭއާރު ޗެކަކަށްފަހު މާޓިނޭޒްގެ ލަނޑު ގަބޫލް ނުކުރީ އޭނާ އޮފް ސައިޑް ވުމުންނެވެ. މިމެޗްގައި އެންމެފަހުގެ ޗެމްޕިއަން މިލާންއަށް މާއެދެވޭ ކުޅުމެއް ދެއްކޭގޮތެއްނުވިއެވެ. މިގޮތުން އިންޓަރގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް އެންމެ ފުރަތަމަ ފޮނުވާލެވިފައިވަނީވެސް މެޗްގެ 75 ވަނަ މިނެޓްގައެވެ.
މިކާމިޔާބީއާއެކު އިންޓަރ މިހާރު އުޅެނީ 21 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއީ އެއްވަނައިގާ އުޅޭ ނަޕޯލީއަށް ވުރެ 13 ޕޮއިންޓް ފަހަތުންނެވެ. ނަޕޯލީވަނީ ރޭ ކުޅުނު މެޗުން ސްޕެޒިއާގެ މައްޗަށް ތިންލަނޑު ސުންލަނޑުގެ ކުރި އެރުމެއް ހޯދާފައެވެ. މިމެޗުން ބަލިވުމާއެކު މިލާން މިހާރުވަނީ ހަވަނައަށް ވެއްޓިގެން ގޮސްފައެވެ. އަދި ވާރލްޑް ކަޕަށްފަހު މިހާތަނަށް ކުނުޅު ހަ މެޗްގެ ތެރެއިން ފަސް މެޗުންވަނީ ބަލިވެފައެވެ.