ޖަރުމަން ލީގުގައި ވުލްފްސްބާގާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ކާމިޔާބުކޮށްފިއެވެ.
ވުލްފްސްބަރގްގެ ދަނޑުގައި ކުޅުނު މިމެޗް ބަޔާނުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވުލްފްސްބަރގްއެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެފައިވަނީ ބަޔޭންއެވެ. މިގޮތުން މެޗްގެ 9 ވަނަ މިނެޓްގައި އެޓީމުންވަނީ މިމެޗްގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ކިންގްލީ ކޯމަންއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ކޯމަންވަނީ އެޓީމްގެ ލީޑު ފުޅާވެސް ކޮށްދީފައެވެ.
މިމެޗްގައި ބަޔޭންގެ ތިންވަނަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ ތޯމަން މުލަރއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށް ވުލްފްސްބަރގްގެ ޔާކޫބް ކަމިންސްކީ ވަނީ ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައިވި ފަރަގު ދެލަނޑަށް ކުޑަކޮށްފައެވެ.
މިމެޗްގައި ދެން ފެނިގެންދިޔައީ ބަޔޭންގެ ޖޯޝުއާ ކިމިޗްއަށް މެޗްގެ 54 ވަނަ މިނެޓްގައި ދެވަނަ ރީނޑޫ ކާޑަކާއެކު ރަތްކާޑު ދެއްކި ތަނެވެ. މިކާޑާއެކު ބަޔޭންއިން މެޗްގެ ދެވަނަ ހާފްގެ ބޮޑު ބައި ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ. މިމެޗްގައި ބަޔޭންގެ ފަހު ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހާދިނީ ޖަމާލް މުސިއެލާއެވެ. އަދި ވުލްފްސްބަރގުން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ މަތިއަލް ސްވެންބަރގްއެވެ.
މިކާމިޔާބީއާއެކު ބަޔޭން މިވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވުމަށްފަހު ފުރަތަމަ ފަހަރަށް ލީގު މެޗަކުން މޮޅުވި މެޗެވެ. އަދި އަނެއްކާވެސް ވަނީ ތާވަލްގެ އެއްވަނައަށް 19 މެޗުން ލިބިފައިވާ 40 ޕޮއިންޓާއެކު އަރާފައެވެ. ދެވަނައިގާ މިހާރު އުޅެނީ އެންމެ ޕޮއިންޓެއްގެ ތަފާތުން ޔޫނިއަން ބަރލިންއެވެ.