ކުޅިވަރު

މާޒިޔާގެ އައު ކޯޗަކަށް ބަލްގޭރިއާގެ އިވާން ކޮލެވް


މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އައު ކޯޗަކަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުމުރުން 65 އަހަރުގެ އިވާން ވަނީ މީގެކުރިން އޭޝިއާ ބައްރުގެ އިތުރުން ޔޫރަޕުގެ ކުލަބުތަކަށް ވެސް ކޯޗުކަންކޮށްދީފައެވެ. އަދި އޭނާ ވަނީ އޭޝިއާ ބައްރުގެ ކުލަބުތަކަށް ކޯޗުކަންކޮށްދީ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. ޕްރޮފެޝަނަލް ކޯޗެއްގެ ގޮތުގައި އިވާން ވަނީ 40 ވަރަކަށް އަހަރު މަސައްކަތްކޮށްފައެވެ.

މާޒިޔާގެ ކޯޗަކަށް އިވާން ހަމަޖެއްސިކަން އިއުލާނުކޮށްފައިވަނީ އެކަމަށް ހާއްސަކޮށް ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓެއްގައެވެ. ކޯޗު އިއުލާނުކުރުމަށް ބޭއްވި މި އިވެންޓުގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދާއި ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްޙާބު އަދި ބޯޑު މެމްބަރުން ބައިވެރިވިއެވެ.

މިއީ ވޭތުވެދިޔަ ތިން އަހަރު ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާއަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދޭނެ ހަތަރު ވަނަ ބިދޭސީ ކޯޗެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ކޯޗުކޮށްދިން އިރު 2021 ގައި ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވަނީ މާޒިޔާއަށް ކޯޗުކަންކޮށްދީފައެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި މާޒިޔާގެ ކޯޗުކަމާ ހަވާލުވީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން އިވާން ބުނީ މާޒިޔާގައި ތިބީ ފެންވަރު ރަނގަޅު މޮޅެތި ކުޅުންތެރިން ކަމަށާއި އަމާޒަކީ މާޒިޔާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވާން ކުރެވެން އޮތް އެންމެ ފުރިހަމަޔަށް މަސައްކަތްކުރާނެ ކަމަށް އޭނާ ބުންޏެވެ.

ބަލްގޭރިއާގެ ލެވްސްކީ ސޯފިއާގެ ޔޫތު ޓީމުން ކެރިއަރު ފެށި އިވާން ކޯޗިން ކެރިއަރު ފެށީ 1982 ގައެވެ. އޭނާ ވަނީ ބަލްގޭރިއާގެ 19 އަހަރާއި 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އޭގެފަހުން އިންޑޮނީޝިއާގެ ޤައުމީ ޓީމަށް ދެ އަހަރު ކޯޗުކަން ކޮށްދިނުމަށްފަހު މިޔަންމާގެ ހެޑު ކޯޗުކަންވެސް އޭނާ ވަނީ ކޮށްފައެވެ.

އާ ކޯޗާއެކު މާޒިޔާއިން ވަނީ އެ ޓީމަށް މިދިިޔަ ސީޒަނުގައި ކުޅުނު މުހިއްމު ގިނަ ކުޅުންތެރިންތަކެއްގެ އެއްބަސްވުން އާކޮށްފައެވެ. އަދި އާ ކުޅުންތެރިންތަކެއް ވެސް ވަނީ ގެނެސްފައެވެ. މާޒިޔާއިން އާ ސީޒަނަށް ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގައެވެ.