ކުޅިވަރު

ސެންޓޭ، ހެލްމެޓް އަދި ޗޯޓުވެސް މާޒިޔާއަށް


އަންނަ ސީޒަނަށް ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ)، ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) އަދި ޒުވާން ފޯވާޑް ހަސަން ނަޒީމް ގާސިމް (ޗޯޓު) ގެ ސޮއި ހޯދައިފިއެވެ.

މާޒިޔާއިން އަންނަނީ އެ ޓީމުގެ ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދަމުންނެވެ. އޭގެ ތެރޭގައި ތަޖުރިބާކާރު ގޯލްކީޕަރު މުޙައްމަދު ފައިސަލާއި، ހުސެއިން ޝިފާއު (ކުރޯ) އާއި، ހަސަން ރާއިފް އަޙްމަދު (ހަންނަ) އާއި، ޝަމްވީލް މުޙައްމަދު (ބޮންޑާ) ގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ޚަލީލް ޖަމާލުގެ ސޮއިވެސް މާޒިޔާއިން މީގެކުރިން ވަނީ ހޯދައިފައެވެ.

މާޒިޔާއާ ގުޅުނު ސެންޓޭ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ހުރިހާ ކުލަބަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ކުލަބު ވެލެންސިއާ އަދި ކުލަބް އީގަލްސް ހިމެނެއެވެ. އެކަމަކު ގޯލާ ރައްޓެހި ސެންޓޭ އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑުބައި ނުކުޅެއެވެ.

ފުރަތަމަ ޑިވިޝަނުގެ ޑިފެންޑަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ހެލްމެޓަކީ ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ. ކުލަބް އީގަލްސްއިން ކެރިޔަރު ފެށި، ހެލްމެޓް އެހެން ކުލަބަކާ ގުޅުނު މިއީ ފުރަތަމަ ފަހަރެވެ.

މާޒިޔާއިން ދެން ސޮއި ހޯދި ޗޯޓުއަކީ އަރަމުން އަންނަ އެންމެ ހުނަރުވެރި ޒުވާން ފޯވާޑެވެ. ފޯކައިދޫ ޓީމުން ފެނިގެންދިޔަ ކޯޓު މިދިޔަ ސީޒަނުގައި ކުޅުނީ ކުލަބު ގްރީން ސްޓްރީޓްސްއަށެވެ. އޭނާއަކީ އެ ޓީމަށް މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ޗޯޓު މާޒިޔާއާ ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އައު ސީޒަނަށް މާޒޒިޔާއިން ސްކޮޑު ވަރުގަދަ ކުރަމުން އަންނައިރު، އެ ޓީމުން ވަނީ ކިޯޗުގެ މަގާމަށް ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވްވެސް ހަމަޖައްސާފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މި ފަހަރު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައި ވަނީ މާޗު މަހުގައެވެ. އެގޮތުން މިހާރުގެ ވަގުތީ ކަލަންޑަރުގައި ވާގޮތުން މާޗު މަހުގެ ފަހުކޮޅު ސީޒަން ފަށާނީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.