ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ގއ. ދެއްވަދޫ އާއި ރ. ދުވާފަރުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ކުޅުނު ގއ. އަތޮޅުގެ ގްރޫޕް އެކެއްްގައި ގެމަނަފުށި އަތުން ދެއްވަދޫ މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕްގެ އަނެއް މެޗުން މާމެންދޫ ވަނީ 3-0 ގެ ނަތީޖާއަކުން ވިލިނގިލި ބަލިކޮށްފައެވެ.
ގއ. އަތޮޅުގެ ގްރޫޕް ދޭއްގައި ކޮނޑޭ އަތުން ކަނޑުހުޅުދޫ 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ދާންދޫ އަތުން ނިލަންދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ށ. އަތޮޅުގެ ގްރޫޕް އެކެއްގައި ކަނޑިތީމުން 4-2 ގެ ނަތީޖާއަކުން ބިލެތްފަހި ބަލިކުރިއިރު، މިލަންދޫ އާއި މަރޮށި ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ށ. އަތޮޅުގެ ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި ފޯކައިދޫން ވަނީ 1-0 ގެ ނަތީޖާއަކުން ފީވަށް ބަލިކޮށްފައެވެ.
މީގެ އިތުރުން ރ. އަތޮޅު ގްރޫޕް އެކެއްގެ މެޗުން މީދޫ އަތުން ދުވާފަރު މޮޅުވީ ފަސޭހަކަމާއެކު 6-1 ގެ ނަތީޖާއަކުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަންގާރަ ދުވަހުގެރޭވެސް އަށް މެޗެއް ކުޅެވޭނެއެވެ. އެގޮތުން އަންގާރަ ދުވަހުގެރޭ ކުޅެވިގެންދާނީ ހއ. އަދި ހދ. އަތޮޅުގެ މެޗުތަކެވެ. މި ފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 19 ވަނަ ދުވަހުއެވެ.