އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން 100 އަށްވުރެ ގިނަ މާލީ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ހާމަކޮށްފިއެވެ.
ޕްރިމިއަރ ލީގުން މިކަން ހާމަކޮށްފައިވަނީ ހަތަރު އަހަރުގެ ދިގު ތަހުގީގަކަށްފަހުއެވެ. ޕްރިމިއަރ ލީގުން މިހާރުވަނީ ސިޓީގެ މައްސަލަ ބެލުމަށް މިނިވަން ކޮމިޝަނަކަށް ހުށަހަޅާފައެވެ.
ޕްރިމިއަރ ލީގުން ހާމަކުރާގޮތުގައި ސިޓީން މިއަމަލުތައް ހިންގާފައިވަނީ 2009 ވަނަ އަހަރުން ފެށިގެން 2018 ވަނައަހަރާއި ދެމެދުގައެވެ. މީގެއިތުރުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާ މިތަހްގީގަށް ސިޓީއިން އެއްބާރުލުން ދީފައިނުވާކަމަށްވެސް ޕްރިމިއަރ ލީގުން ތުހުމަތުކޮށްފައިވެއެވެ.
ޕްރިމިއަރ ލީގުން ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ސިޓީގެ މާލީ ހާލަތު ދެނެގަތުމަށްޓަކައި ބޭނުންވާ ސައްހަ މާލީ މައުލޫމާތު ހިއްސާކޮށްފައިނުވުމާއި ބައެއް ކޯޗުންނަށް އިތުރު ގޮތްގޮތުން ކްލަބުން ފޯރުކޮށްދީފައިވާ އިނާޔަތްތަކާއި ބެހޭ މައުލޫމާތު ފުރިހަމަ ގޮތުގައި ހިއްސާކޮށްފައިނުވުންފަދަ ކަންތައްތައް ހިމެނެއެވެ.
ހަމައެއާއެކު ސްޕޮންސަރޝިޕުން ކްލަބަށް ލިބޭ ފައިސާގެ ތަފްސީލީ މައުލޫމާތާއި ކްލަބް ހިންގުމަށް އަސްލު ހިނގާ ހަރަދު ތައް އޮޅުވާލައިފާ ވާކަމަށް ޕްރިމިއަރ ލީގުން ހާމަކުރެއެވެ. އަދި ޔުއޭފާގެ ފައިނޭންޝިއަލް ފެއަރ ޕްލޭ ހިމެނޭގޮތަށް އެޖަމްއިއްޔާގެ ގިނަ ގަވައިދުތަކަކާއިވެސް 2013-2014 ވަނަ ސީޒަނުން ފެށިގެން 2017-2018 ވަނަ ސީޒަނާއި ދެމެދު ހިލާފުވެފައިވާކަމަށްވެސް ޕްރިމިއަރ ލީގުން ހާމަކުރެއެވެ.
ޔުއޭފާއިން ވަނީ މިކަމާއި ގުޅިގެން 2020 ގައި ތަހްގީގެއް ހިންގާ ސިޓީއަށް އަދަބުވެސް ދީފައެވެ. ނަމަވެސް ފަހުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއިން ވަނީ އެނިންމުން ބަދަލުކޮށްފައެވެ.
މިކަމާއި ގުޅިގެން ސިޓީން ވަނީ ޕްރިމިއަރ ލީގުން ސިޓީގެ މައްޗަށް އުފުލާފައިވާ މިދައުވާތަކާއި ގުޅިގެން ހައިރާން ވާކަމަށެވެ. އަދި މިކަންތައްތަކާއި ގުޅޭ ފުރިހަމަ ލިޔެކިޔުން އެކްލަބްގައި ހުރި ކަމަށްވެސް ސިޓީއިން ހާމަކުރެއެވެ. އަދި ސިޓީއިން ވާނީ މިތަހްގީގާއި ގުޅިގެން ގިނަ އަދަދެއްގެ ލިޔެ ކިޔުން ތަހްގީގަށް ހުށަހަޅާދީފައެވެ. އަދި މިނިވަން ކޮމިޝަނުން މިކަން ރަނގަޅަށް ބަލާ މިކަމަށް ދާއިމީ ނިމުމެއް ގެނައުމަށް ބޭނުންކަން ހާމަކޮށްފައެވެ.
މިކަމުގައި ސިޓީ ކުއްވެރިވާކަމަށް ކޮމިޝަނުން ނިންމައިފި ކަމަށްވާނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން ޖޫރިމަނާ ކުރުމުން ފެށިގެން ގޮސް ޕޮއިންޓް އުނި ކުރުމާއި ޕްރިމިއަރ ލީގުން ބޭރު ކުރުން ފަދަ ކަންތައްތައް ހިމެނިގެންދާނެއެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލްކުރާގޮތުގައި މިއީ އެހާ އަވަހަށް ނިމިގެންދާނެ ކަމެއް ނޫނެވެ.