ޚަބަރު

ފަތުރުވެރިކަމަށް ހުޅުވާލި ރަށްތަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑު


ފަތުރުވެރިކަމަށް އެންމެ ފަހުން ހުޅުވާލި ރަށްތަކަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ތަރައްޤީކުރުމަށް އައު ރަށްތަކެއް ބީލަމަށް ހުޅުވާލާފައިވަނީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއްވާގޮތުގައި މިވީ ކުރު މުއްދަތުގައިވެސް ބީލަމުގެ މަރުހަލާއަށް އިންވެސްޓަރުންގެ ފަރާތުން ބޮޑު ތަރުޙީބެއް ދަނީ ލިބިމުންނެވެ. އެގޮތުން މި ރަށްތަކާއި ގުޅޭ މައުލޫމާތު ހޯދާ ފަރާތްތައް ގިނަކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޓޫރިޒަމް މިނިސްޓްރީންވަނީ މިމަހުގެ 7ވަނަ ދުވަހު މައުލޫމާތުދިނުމުގެ ފުރަތަަމަ ބައްދަލުވުން ބާއްވާފައެވެ. މި މައުލޫމާތު ސެޝަންގައި ބީލަމުގެ މަރުހަލާ ކުރިއަށްދާނެ ގޮތާއި، އެޕްލިކޭޝަންތައް ހުށަހަޅާނެ ގޮތްތަކާއި ގުޅޭ މައުލޫމާތުތައްވަނީ ދީފައެވެ. މި ސެޝަނަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ބޭރުގެ އިންވެސްޓަރުންނާއި ދިވެހި އިންވެސްޓަރުންވެސް ވަނީ ބައިވެރިވެފައެވެ.

މައުލޫމާތުދިނުމުގެ ދެވަނަ ސެޝަން އޮންނާނީ އަންނަމަހުގެ 5ވަނަ ދުވަހުއެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިބުރުގައި 8 އަތޮޅަކުން 13 މަޝްރޫޢެއް ވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކުރާ ރަށްރަށާއި ފަޅުތައް:

* ހއ. އަލިދުއްފަރުފިނޮޅު
* ހއ. މެދަފުށި
* ހދ. ކުޑަފަރުފަސްގަނޑު
* ރ.އެއްތިގިލި އަދި ރ. އަލިފުށި ފަޅުން 10 ހެކްޓަރު ހިއްކުން
* ކ.ކާށިދޫފަޅުގެ ސަރަހައްދުން ބައެއް
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް -1
* ފ. ނިލަންދޫފަޅުގެ ސަރަހައްދުން ބައެއް – 2
* ތ. އޮޅުފުށި ( އޮޅުފުށިފިނޮޅާއި އެކު)
* ގއ ބޭރަމައުއްޑޫ
* ގއ. ފުނަދޫވިލިގިއްލާ
* ގދ. ހާދުއާ
* ގދ. ކަޅެހުއްޓާ
* ގދ. ފެރޭތަވިލިނގިލި (ކްލަސްޓަރއެއްގެ ގޮތުގައި)

މި ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ، ހއ.ހދ، ކ. އަތޮޅުގެ ބީލަންތައް 28 މާރިޗުގައެވެ. މ، ފ، ތ.އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 29 މާރިޗުގައެވެ. އަދި ގއ. އާއި ގދ.އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅުން އޮންނާނީ 30 މާރޗުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިހާރުގެ އަންދާޒާއަކީ މިހުރިހާ ރަށަކުން އެންމެ މަދުވެގެން 1700 އެނދު ފަތުރުވެރިކަމަށް ނެރެވޭނެ ކަމަށެވެ. އެހެންނަމަވެސް މިޢަދަދު އިތުރުވުން އެކަށީގެންވާކަން އެމިނިސްޓްރީން ފާހަގަކުރެއެވެ.