ޚަބަރު

އަމީނީމަގުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: އަސްލަމް


އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރު މަހަށް ނިމޭނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. އަމީނީމަގުގެ މަސައްކަތާގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވަނީ މި މަސައްކަތްކުރުމުގައި ދިމާވި ދަތިތަކާއެކު މަޝްރޫޢު ނިމޭނެކަމަށް ކުރިން ކަނޑައަޅާފައިވާ މުއްދަތަށް ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އަމީނީމަގުގެ މަޝްރޫޢާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، އަމީނީމަގުގެ މަޝްރޫޢުގެ އެއްބަސްވުން އެންމެ ފުރަތަމަ އެކުލަވާލީ މި ހިނގާ ފެބްރުއަރީމަހުގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށްކަމަށެވެ. ނަމަވެސް މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ދިމާވި ދަތިތަކާގުޅިގެން އައިސްފައިވާ ލަސްވުންތަކުގެ ސަބަބުން މަޝްރޫޢު ނިންމަން ކަނޑައަޅާފައިވާ މުއްދަތު ސެޕްޓެމްބަރުމަހަށް އިތުރުކޮށްފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކުރުމަށްފަހު އެންމެ ބޮޑަށް ދިމާވި މައްސަލައަކީ ޕްރޮވިޝަންތައް ލުމަށްޓަކާ އެމްޑަބްލިއުއެސްސީއަށް ބޭނުންވާ ހޮޅިތައް އެ ސަޕްލައި ޗެއިންގައި ހުރި ޑިފިކަލްޓީޒްއާ ހެދި އެމްޑަބްލިއުއެސްސީއަށް އެކަން ކުރުމުގައި ދިމާވި ދަތިތައް. އެހެންވީމަ އެ ދަތިތަކަށް ކޮންސިޑަރކޮށްފައި އަޅުގަނޑުމެން މިހާރު ވާނެ ރިވައިޒްޑް ކޮމްޕްލީޝަން ތާރީޚެއް ކަނޑައަޅާފައި. އެއީ 27 ސެޕްޓެމްބަރ 2023. އެހެންވީމަ އަމީނީމަގު ނިމިގެންދާނެ މިއަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށް ދާންވާއިރަށް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަމީނީމަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތަކެއް ކަނޑާލާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެމަގުތަކުގައި ހުރި ގަސްތައް ކެނޑުންތޯ މިނިސްޓަރަށް ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އަމީނީމަގުގައި ހުރި ގިނަ އޮފިއެލޭ ގަސްތަކަކީ ޒަމާންވެފައި ހުރި ބޮޑެތި ބިޔަ ގަސްތަކެއްކަމަށާއި، އެ ގަސްތަކުގެ މޫތަކުގެ ސަބަބުން މަގުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓްތަކާއި ރޯޑް ސަރފޭސްއަށް ގެއްލުތައް ލިބެމުންދާކަމަށެވެ. އަދި މި މަޝްރޫޢު ޑިޒައިންކޮށްފައިވާގޮތުން މަސައްކަތް ކުރަމުންދާއިރު، މަގުގެ ތެރެއަށް އިތުރު ޕްރޮވިޝަންތަކުގެ ގޮތުގައި ޑީވޯޓަރިންގ ހޮޅިއާއި، ފާޚާނާ ނިޒާމަށް ބޭނުންވާ ހޮޅިތަކާއި، ހައިވޯލްޓޭޖް ކޭބަލާއި، އަދިވެސް އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ކޭބަލްތަކާއި ހޮޅިތައް ލެވިގެންދާނެކަން ފާހަގަކުރައްވާ، މިގޮތަށް ހުރި ގަސްތަކުގެ ސަބަބުން މި މަސައްކަތް ކުރުމަށް އުނދަގޫވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެފަދަ ގަސްތައް ކަނޑަމުންދަނީ ސަރުކާރުގެ ވަކި ސިޔާސަތެއްގެދަށުން ނޫންކަމަށެވެ. އަދި އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިމިގެންދާއިރު، ގަސް އިންދުމަށްޓަކާވެސް ޚާއްސަ ސަރަޙައްދުތަކެއް ކަނޑައެޅިފައި ހުންނާނެކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކުޑަގަހެއް ހުރިކަމުގައިވީނަމަވެސް ކުރިން މި ދެންނެވި ޕްރޮވިޝަންތަކަށް ބޭނުންވާ ހޮޅިތައް ވަޅުލުމުގައި ދައްޗެއް ދިމާވާކަމަށްވާނަމަ އެގަސް ވަގުތީގޮތުން ރިމޫވްކޮށްފައި އެތަނުގައި އަލުން ރީޕްލާންޓްކުރެވޭ ގަހެއްކަމަށްވަންޏާ އަލުން ރީޕްލާންޓްކުރާނެ. މިހާރު މަގުތައް ހެދިގެންދާއިރު ގަސް އިންދަން ވަކިން ޚާއްސަކޮށް އެންކޭސްކޮށްފައި އިންނަ ތަނެއް އިންނާނެ ހަދާފައި ކޮންމެ 25 މީޓަރަކުން 25 މީޓަރަކުން. ސަރުކާރުގެ ސިޔާސަތަކީ މަގުހެދި ނިމިގެންދާއިރު އައު ގަސްތަކެއް އެ މަގުގައި ރިޕްލޭސްކުރުން. ދެން ގަހަކީ ދުވަސްތަކަކުން ހެދޭނެ އެއްޗެއް. އެހެންވީމަ އެއީ މިކަން ކުރަމުންދާގޮތަކީ. އެއީ އެ މަސައްކަތް ކުރުމުގައި ހުރި ޕްރެކްޓިކަލް ރީޒަންތަކަކީވެސް" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ޕްލޭނިންގ މިނިސްޓްރީން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އާރު.ޑީ.ސީއާ ޙަވާލުކޮށްފައިވަނީ 3 ޖުލައި 2022 ގައެވެ. އަދި ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަސައްކަތް އެކުންފުނިން ކުރަމުންދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުންދަނީ މީގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތްތަކެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އާރް.ޑީ.ސީއިން ވަނީ މާލެގެނެސްފައެވެ. އެގޮތުން ބިލަބޮންގް ސްކޫލާއި ހިސާބަށް ތާރު އެޅުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތައް މާރިޗުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި، މާރިޗުމަހުގެ ތެރޭގައި އަމީނީ މަގުގައި ތާރު އަޅަން ފެށޭނެކަމަށް އާރް.ޑީ.ސީއިން ވިދާޅުވެއެވެ.