އަހަރުގެ މިހާތަނަށް ރާއްޖެއަށް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 214985 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 163684 ފަތުރުވެރިންނާއި އަޅާ ބަލާއިރު 31.3 އިންސައްތަ އިތުރު އަދަދެކެެވެ.
* ޖެނުއަރީ - 172532 ފަތުރުވެރިން
* ފެބުރުއަރީ މަހުގެ 7ގެ ނިޔަލަށް – 31922 ފަތުރުވެރިން
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6064 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ޢަދަދަކަށް ޒިޔާރަތްކުރީ ރަޝިއާ ފަތުރުވެރިންނެވެ.
* ރަޝިއާ – 27960 ފަތުރުވެރިން
* އިންޑިއާ – 23422 ފަތުރުވެރިން
* އިޓަލީ – 20513 ފަތުރުވެރިން
ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެޤައުމުންވެސް މިހާރު ރާއްޖެއަށް ފަތުރުވެރިންވަނީ އަންނަން ފަށާފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ޗައިނާއަކީ ރާއްޖެއަށް މިހާރު 8 ވަނަ އަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 6563 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.