ޚަބަރު

މެލޭޝިއާގައި ތަމްރީންވާ ޕްރިންސިޕަލުންގެ ފުރަތަމަ ބެޗު މިމަހު ރާއްޖެ އަންނާނެ


ޕްރިންސިޕަލުންގެ ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން މެލޭޝިއާގައި ތަމްރީނުވަމުންދާ ދިވެހި ޕްރިންސިޕަލުން ތަމްރީން ފުރިހަމަކުރުމަށްފަހު މިމަހު ފަހުކޮޅު ރާއްޖެ އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ޕްރިންސިޕަލުން ތަމްރީންކުރުމުގެ މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރޮގްރާމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމް ލޯންޗުކޮށް، ފުރަތަމަ ބެޗަށް ހޮވިވަޑައިގެންނެވި ޕްރިންސިޕަލުންނަށް ލިޔުން ޙަވާލުކުރީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ. އަދި މެލޭޝިއާއަށް ތަމްރީނަށް މި ބެޗު ފުރާފައިވަނީވެސް ހަމަ އެމަހުގެ ތެރޭގައެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙްމަދު މުޖާހިދު ވިދާޅުވީ، ޕްރިންސިޕަލުން ތަމްރީންކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަމަށެވެ. އަދި މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ތަމްރީން ފުރިހަމަކުރުމަށްފަހު މިމަހުގެ ފަހުކޮޅު އެނބުރި ރާއްޖެއައިސް ސްކޫލްތަކާ ގުޅިވަޑައިގަންނާވެކަމަށެވެ. މިއީ ދާއިމީ ޕްރިންސިޕަލުން ނެތް ސްކޫލްތަކަށްވެސް، ފެންވަރު ރަނގަޅު ޕްރިންސިޕަލުން ހޯދުމަށް ކުރެވޭ މުހިއްމު މަސައްކަތެއްކަމަށް މުޖާހިދު ވިދާޅުވިއެވެ.

"ޕްރިންސިޕަލުން ހޯދުމަށްޓަކާ އަޅުގަނޑުމެން ފެށިކަމެއް މި ސްކޮލަރޝިޕް ޕްރޮގްރާމަކީ. މިދިޔަ އަހަރު 20 ސްކޮލަރޝިޕަކަށް އިޢުލާންކޮށްފައި އޭގެ ތެރެއިން 18 ޕްރިންސިޕަލަކު ތަމްރީންވެ އެ ނިމެނީ. އިރާދަކުރެއްވިއްޔާ މިމަހުގެ ފަހުކޮޅުގައި އެ ބޭފުޅުން ތަމްރީން ވެގެން މާލެ އަންނާނެ. މެލޭޝިއާގައި އެބޭފުޅުން މި ތަމްރީންވީ. އެބޭފުޅުން ވަޑައިގެންނެވީމަ މިހާރު ހަޤީޤަތުގައި ޕްރިންސިޕަލުން ބޭނުންވެފައި ހުރި ސްކޫލުތަކުގައި އެބޭފުޅުން މަސައްކަތްކުރައްވާނެ. އެބޭފުޅުންނަށް އެ ލިބުނު ތަޢުލީމާއި ތަޖުރިބާގެ އަލީގައި ސްކޫލުތަކުގެ ހިންގުމުގެ ނިޒާމަށް ރަނގަޅު ހެޔޮ ބަދަލެއް އަންނާނެ" މުޖާހިދު ވިދާޅުވެއްޖެއެވެ.

މުޖާހިދު ވިދާޅުވީ، މިފަދަ ސްކޮލަރޝިޕް ޕްރޮގްރާމެއް މި ސަރުކާރުން ފަށާފައި މިވަނީ އެކަށީގެންވާ ގޮތެއްގައި ޕްރިންސިޕަލުން ތަމްރީންނުކުރެވޭތާ ޒަމާންތަކެއްފަހުންކަމަށެވެ. އަދި މިނިސްޓްރީގެ ވިސްނުންހުރީ މި ޕްރޮގްރާމް ކުރިއަށްގެންދިއުންކަމަށާއި، ކުރިއަށް އޮތްތާނގައި މިފަދަ އިތުރު ފުރުޞަތުތައް ހުޅުވާލާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

ޕްރިންސިޕަލުންގެ ސްކޮލަރޝިޕް އެވޯޑްކުރި ފުރަތަމަ ބެޗު ތަމްރީން ފުރިހަމަކުރަމުން ދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ ޔުނިވަރސިޓީ އޮފް މަލާޔާއިންނެވެ. އެބޭފުޅުން ފުރިހަމަ ކުރަމުންދަނީ މާސްޓަރސް އޮފް އެޑިއުކޭޝަނަލް މެނޭޖްމަންޓް ކޯހެވެ.

ސްކޫލްތަކުގެ ޕްރިންސިޕަލުން ތަމްރީންކުރުމަށް ހިންގާ ސްކޮލަރޝިޕް މި ޕްރޮގްރާމަކީ ރޭވުންތެރިކަމާއި އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާބިލު ޕްރިންސިޕަލުން އުފެއްދުމަށް އެޑިއުކޭޝަން މިނިސްޓްރީން ތަޢާރަފުކުރި ޕްރޮގްރާމެެކެވެ. 3 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުންނެވެ.