ސަރުކާރުން ޒުވާން ކުޅުންތެރިން ބިނާ ކުރުމަށް ހިންގަމުން އަންނަ އަރުތަ ޕްރޮގްރާމުގައި ބެޑްމިންޓަން ތިން ކުޅުންތެރިން ކަމަށްވާ ޒަޔާން ޒަކީ އާއި، ނިބާލް އަޙްމަދުގެ އިތުރުން މުޙައްމަދު އަޖުފާންވެސް ހިމެނިއްޖެއެވެ.
އަރުތަ ޕްރޮގްރާމަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގެ ޒުވާން ކުޅުންތެރިންނަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދައި އެ ކުޅިވަރުގައި ކުރިއަށްދިޔުމަށް ފުރުސަތުތައް ފަހިކޮށްދޭ ޕްރޮގްރާމެކެވެ. މިހާރުވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ އުއްމީދީ އެތުލީޓުންތަކެއް ދަނީ މި ޕްރޮގްރާމުގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންނެވެ.
އަރުތަ ޕްރޮގްރާމްގައި ހިމެނުނު މި ތިން ކުޅުންތެރިންގެ ތެރެއިން ނިބާލް އަންނަނީ މިހާރުވެސް އޮލިމްޕިކް ސްކޮލާޝިޕްގެ ދަށުން ފަރިތަކުރުންތައް ރާއްޖެއިން ބޭރުގައި ކުރިއަށް ގެންދަމުންނެވެ. އަޖުފާން އަދި ޒަޔާން ޒަކީ އަންނަނީ މިއަހަރު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްއަށް ތައްޔާރުވަމުންނެވެ.
އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން، އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަޚުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު އަރުތަ ސްކޮލަޝިޕް މެދުވެރިކޮށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގެ ތެރެއިން ރާއްޖޭގައި ތިބެގެން އެ ކުޅިވަރަކަށް ޚާއްސަވެގެން ތަމްރީނުވުމަށްވެސް ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން ބުނެއެވެ.
ކުޅިވަރުތަކުގެ މުސްތަގުބަލަށްޓަކައި އަރުތަ ޕްރޮގްރާމުގެ ދަށުން ދެން ރޭވިފައިވާ އެއް ކަމަކީ ގައުމީ ޓީމުތަކަށް ހާއްސަކުރެވިގެން ފުރަތަމަ ފަހަރަށް ޓްރެއިނިން އާއި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމުކުރުމެވެ. މި ސެންޓަރު މެދުވެރިކޮށް ވަކިވަކި ކުޅިވަރުތަކަށް ޚާއްސަކުރެވޭ ޕިޒިކަލް އާއި މެންޓަލް ޓްރެއިނިންތައް ދިނުމާއި އެތުލީޓުންނަށް ލިބޭ އަނިޔާތަކުގެ ރިކަވަރީގެ ކަންކަން ވީ އެންމެ ރަނގަޅު އިންތިޒާމެއްގެ ތެރެއިން ހަމަޖެއްސުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.