ތުރުކީވިލާތަށާއި ސޫރިޔާއަށް މިމަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް 1 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
ތުރުކީވިލާތަށާއި ސޫރިޔާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 28000 އިން މައްޗަށް އަރާފައެވެ. އަދި އެތައްބަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައެވެ.
މިބިންހެލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ވަނީ 200 މިލިޔަން ސްވިސް ފްރެންކްސް އިމަރޖެންސީ އެހީގެ އިލްތިމާސެއްކޮށްފައެވެ.
މި އިލްތިމާސްއާ ގުޅިގެން ދިވެހި ރެޑް ކްރެސެންޓުން މިހާރު ވަނީ ތުރުކީވިލާތަށާއި ސޫރިޔާގައި ހާލުގައި ޖެހިފައިތިބީ މީހުންނަށް އެހީވުމަށް ފައިސާ ޖަމާކުރާނެ ފަންޑެއް ހުޅުވާފައެވެ. މިފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރެޑްކްރެސެންޓުގެ ދިވެހި ފައިސާގެ އެކައުންޓާއި ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކުރެވޭނެއެވެ.
ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މިމަހުގެ 7 ވަނަ ދުވަހު ހުޅުވާލުމާއެކު މިހާތަނަށް އެހީގެ ގޮތުގައި 1،227،632 ރުފިޔާ ވަނީ ލިބިފައެވެ.
Thank you for your support in donating funds towards the @ifrc Emergency Appeal for Türkiye & Syria - as of 11th February 2023, we’ve raised MVR 1,227,632.86!
— Maldivian Red Crescent (@maldivianrc) February 11, 2023
Get daily updates on donations & find out how you can contribute? https://t.co/eK8dgW1R6K
Share the message! pic.twitter.com/rxsgLEdFEb
* ދިވެހި ފައިސާ އެކައުންޓް :7701176022001
* ޑޮލަރު އެކައުންޓް: 7701176022002
* ދިވެހި ފައިސާ އެކައުންޓް: 99010155500036100
* ޑޮލަރު އެކައުންޓް: 99010155500036200
ރެކްޓަރ މިންގަނޑުން 7.8ގެ ބާރުމިނުމުގައި އައި ފުރަތަމަ ބިންހެލުމުގައި ބޮޑެތި އިމާރާތްތައް ވެއްޓި، ދަށުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރިކްޓަރ މިންގަނޑުން 7.6ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް އެ ސަރަޙައްދުތަކަށް ވަނީ އައިސްފައެވެ. އަދި ބިންހެލުމުގެ ސަބަބުން އިތުރު 243 ލޮޅުން އައިސްފައިވާކަމަށް ރިކޯޑް ކުރެވިފައިވާއިރު އެ ލޮޅުންތަކުގެ ގުޑުން ލުބުނާނުގެ ބެއިރޫތާއި ޢިރާޤުގެ ދުހޫކާއި އިރްބީލްއާ ހަމައަށްވެސް އިޙްސާސްކުރެވުނެވެ.
ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މިހާރު ދަނީ ތުރުކީވިލާތާއި ސޫރިޔާއަށް އެހީ ފޮނުވަމުންނެވެ. މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަލާމަތީ މަސައްކަތްތަކުގައި އެހީތެރިވުމަށް ޓީމުތައް ފޮނުވާފައިވެއެވެ. މިގޮތުން އިންޓަރނޭޝަނަލް އެއިޑްސް ކޭމްޕްއިން ވަނީ ތުރުކީއާއި ސިރިޔާގައި ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީވުމަށް ހުޅުވާލާފައެވެ. އަދި އެ ކޭމްޕްގެ މީހުން މިހާރު އަންނަނީ ތުރުކީގައި ހަރަކާތްތެރިވެ ސިއްހީ ގޮތުންވެސް އެހީތައް ފޯރުކޮށްދެމުންނެވެ.