ޚަބަރު

"ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ"


  • މިމަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފައި

  • ޕޭޕަލްގެ ޚިދުމަތް ރާއްޖޭގެ އިޤްތިޞާދުގައި ބިންވަޅު ނެގިގެންދާނެ

ޕޭޕަލްފަދަ ދުނިޔޭގެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތަކާއި ޓެކްނޮލޮޖީތައް ކުރިއަށްއޮތްތަނުގައި ދިވެހި ޒުވާނުންނަށް މި ސަރުކާރުން ގެނެސްދޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ "ޕޭޕަލް" ގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމާއި ގުޅިގެން "ޕޭޕަލްގެ ޚިދުމަތް ދިވެހިންނަށް" މި ނަމުގައި ބޭއްވި މަޢުލޫމާތު ހިއްސާކުރުމުގެ ސެޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިމަހުގެ 15 ވަނަ ދުވަހު ވަނީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކޮށްފައެވެ. ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފައިވަނީ ސަރުކާރާއި އުރީދޫ މޯލްޑިވްސް ގުޅިގެންނެވެ. ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫއަށް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ޕޭޕަލްގެ ޚިދުމަތް ލިބޭނީ އުރީދޫގެ އެމްފައިސާ މެދުވެރިކޮށެވެ.

ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކުރިއަށްއޮތްތަނުގައި ޕޭޕަލްފަދަ މިހާރު ދުނިޔޭގައި އެންމެ ނަން މަޝްހޫރު އިތުރު ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް މި ސަރުކާރުން ގެނެސްދޭނެކަމަށެވެ.

"މިހާރު ޕޭޕަލް ރާއްޖެއަށް ތަޢާރަފްވެގެން މިދިޔައީ. އެހެންވީމަ ރާއްޖޭގެ ފްލެގް އިންނާނެ ޕޭޕާލްގައި. އަދި ޕޭޕަލްގެ ފްލެގް ރާއްޖޭގެ އިކޮނޮމީގައި ބިންވަޅު ނެގިގެން އެދިޔައީ. ޕޭމަންޓްސް ރިސީވްވާނެ. ރިއަލްޓައިމް ސީމްލެސްކޮށް މަސައްކަތްވެސް ކުރާނެ. ވަރަށް ބޮޑު ކުރިއެރުމެއް ހަޤީގަތުގައި ފަހިވެގެން މިދިޔައީ." ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދާނަމަ ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެންމެ ބޮޑަށް މަގުދައްކާ އެއްކަމަކީ ޑިޖިޓަލައިޒޭޝަން އަދި ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުމަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން 2030 ވަނަ އަހަރު އަންނަންވާއިރަށް ޑިޖިޓަލް އިޤްތިޞާދަކީ، ޤައުމުގެ އިޤްތިޞާދުގެ 15 އިންސައްތައަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔޭގެ ޖެޓްނޮލޮޖީގައި ކުރިއަރާފައިވާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އިޙްތިރާމްކުރާކަމަށާއި އެ ފަރާތްތަކުގެ އިތުބާރު ރާއްޖެއާމެދު ބޮޑުވެފައިވާކަމަށެވެ.

ޕޭޕަލްއަކީ އޮންލައިންކޮށް ފައިސާ ފޮނުވާ ލިބިގަތުމަށް ފަހި ކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެއް ނުވަތަ އީ-ވޮލެޓެކެވެ. ޕޭޕަލްގެ ޙިދުމަތާއެކު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، އޭގެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ.