ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ހދ. ނޭކުރެންދޫން ތަފާތު ބޮޑު ނަތީޖާއެއް ހޯދައިފިއެވެ.
ހދ. ގެ ގުރޫޕްގައި ނޭކުރެންދޫ އާއި ހިރިމަރުދޫ ވާދަކުރި މެޗު ނޭކުރެންދޫ ކާމިޔާބުކުރީ 11-1 ނަތީޖާއިންނެވެ. މިއީ މިހާތަނަށް މުބާރާތުގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
ހދ ގުރޫޕްގެ ދެވަނަ މެޗުތައް ކުޅުނު އިރު ރޭގައި ނާވައިދޫ ވަނީ ނޮޅިވަރަންފަރުގެ މައްޗަށް 3-1 ލަނޑުން ކުރިހޯދާފައެވެ. ނެއްލައިދޫ އާއި ކުމުންދޫ ވާދަކުރި މެޗު ނެއްލާދޫ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. އެ އަތޮޅުގެ މަކުނުދީ އާއި ވައިކަރަދޫ ވާދަކުރި މެޗު މަކުނުދޫން ކުރި ހޯދީ 2-1 ލަނޑުންނެވެ.
މުބާރާތުގައި ރޭގަވަނީ ގދ ގެ މެޗުތަކުގެ އިތުރުން ލ އަތޮޅުގެ މެޗުތަށް ފަށާފައެވެ. މި ދެ އަތޮޅުގެ ރޭ ކުޅުނު ހުރިހާ މެޗެއް ވެސް ނިމިފަވަނީ 2-1 ލަނޑުންނެވެ. ގދ އަތޮޅުގައި ތިނަދޫ އާއި ހޯނޑެއްދޫ ވާދަކުރި މެޗު ހޯނޑެއްދޫން ކުރި ހޯދީ 2-1 ލަނޑުންނެވެ. ގައްދޫ އާއި ވާދޫ ވާދަކުރި ފޯރިގަދަ މެޗު ވާދޫއިން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ލ އަތޮޅުގެ މެޗުތަކުގައި މާބައިދޫން ކުރި ހޯދީ ކަލައިދޫއާ ވާދަކޮށް 2-1 ލަނޑުންނެވެ. ގަން ވަނީ މަތިމަރަދޫ އަތުން 2-1 ލަނޑުން މޮޅުވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ވެސް އަށް މެޗު ކުޅޭނެ އެވެ. މުބާރާތުގައި މިއަދު ހަވީރު ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.