ފީފާ ބެސްޓް އެވޯޑްސްއަށް ވާދަކުރާ އެންމެ މޮޅު ކުޅުންތެރިންގެ ނަންތައް ޝޯޓްލިސްޓް ކޮށްފިއެވެ.
މިގޮތުން އަންހެން އަދި ފިރިހެން އެންމެ މޮޅު ތިން ކުޅުންތެރިންވަނީ ޝޯޓްލިސްޓު ކޮށްފައެވެ.
ފިރިހެން ތިން ކުޅުންތެރިންނަށް ބަލާލާއިރު ހިމެނެނީ މިދިޔަ އަހަރުގެ ފަހު ކޮޅު ނިމުނު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކުރި އެޓީމްގެ ތަޖްރިބާކާރު ކެޕްޓަން ލިއޮނެލް މެސީ އާއި ސްޕެނިޝް ލަލީގާގެ ޗެމްޕިއަން ކަމާއި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑްގެ ފަރަންސޭސި ފޯވަޑް ކަރިމް ބެންޒީމާ އަދި ނިމިދިޔަ ވާރލްޑް ކަޕްގެ ރަންބޫރު ހާސިލްކުރި އަދި މެސީ އާއި އެއްޓީމަކަށް ކުޅޭ ހުނަރުވެރި ފަރަންސޭސި ފޯވާޑް ކިލިއަން އެމްބާޕޭއެވެ.
މެސީވަނީ ގިނަ އަހަރު ތަކެއްގެ އިންތިޒާރަށްފަހު ވާރލްޑް ކަޕްގެ ތަށި އޭނާގެ ކެރިއަރުގައި ފުރަތަަމަ ފަހަރަށް އުފުލައިލާ އަދި އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކޮށްފައެވެ.
އަންހެނުންގެ ބަޔަށް ބަލާލާއިރު ޝޯޓްލިސްޓް ކުރެވުނު ތިން ކޯޗުންނަކީ އިންގްލަންޑްގެ އަންހެން ޓީމަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ސެރީނާ ބެތު މީޑް އާއި ސްޕެއިންގެ އެލެކްސިއާ ޕިޓެއްޔާ އަދި އެމެރިކާގެ އެލެކްސް މޯގަންއެވެ. ބެތު މީޑްވަނީ އެންމެފަހުގެ ވިމެންސް ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހާސިލްކޮށްފައެވެ.
މިދެބައިން އެވޯޑް ހާސިލްކުރާ ކުޅުންތެރިން ހާމަކުރުން އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގައެވެ. މިފަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ކުޅުން ބަލަނީ 2021 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ދެމެދަށެވެ.