އިޓާލިއަން ސެރީއާގެ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާން ހަތް މެޗަށްފަހު ފުރަތަމަ ފަހަރަށް މެޗަކުން މޮޅުވެއްޖެއެވެ.
މިލާނުން މި ކާމިޔާބީ ހާސިލްކޮށްފައިވަނީ ސެރީއާގައި ޓޮރީނޯ އާއި ބައްދަލުކުރި މެޗް 1-0 އިންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޓޮރީނޯއިންނެވެ. ނަމަވެސް އެޓީމަށް އެކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ޓޮރީނޯއަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިފައިވެއެވެ. ނަމަވެސް އެންޓޯނިއޯ ސަނަބްރިއާއަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓްގައި ޖަހާދިނީ އޮލިވަރ ޖިރޫއެވެ. މިމެޗްގައި އިތުރު ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިގޮތުން މިލާންގެ ތިއޯ ހެނާންޑޭޒްއަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި މިލާނުންވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް އެޓީމްގެ ތަޖްރިބާކާރު ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗްގެ ނަންވަނީ ޓީމް ލިސްޓްގައި ހިމަނާފައެވެ. ނަމަވެސް އުމުރުން 41 އަހަރުގެ ޒްލަޓާން މިމެޗްގައި ކުޅެން އަރާފައެއް ނުވެއެވެ.
މި ކާމިޔާބީ މިލާން ހޯދާފައިވަނީ މެޗަކުން މޮޅު ނުވާތާ ހަތް މެޗަށްފަހުއެވެ. މިލާން އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ސެލެރްނިޓާނާ އާއި ދެކޮޅަށް ކުޅެ މޮޅުވި މެޗެވެ.
މި ކާމިޔާބީއާއެކު މިލާނަށް މިހާރުވަނީ 22 މެޗުން 41 ޕޮއިންޓް ލިބި ތާވަލްގެ ތިންވަނައަށް ވަގުތީ ގޮތުން ކުރިއަށް ޖެހިލާފައެވެ. އަދި ޓޮރީނޯ އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ 7 ވަނައިގައެވެ.