ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ގުރުއަތުލުން ބާއްވައިފިއެވެ.
މިފަހަރުގެ ކްއާޓަރ ފައިނަލްގައި ހިމެނެނީ އިންގްލަންޑްގެ ދެޓީމާއި ޖަރުމަނުވިލާތުގެ ދެޓީމާއި ފަރަންސޭސިވިލާތުގެ ދެޓީމާއި އިޓަލީވިލާތުގެ ޓީމެއްގެ އިތުރުން ސްޕެއިންގެ ޓީމެކެވެ.
މިފަހަރުގެ ގުރުއަތުލުން ދިމާވިގޮތުގައި ޖަރުމަނުވިލާތުގެ ބަޔޭން މިޔުނިކް ބައްދަލުކުރާނީ އާސެނަލްއާއެވެ. ފަރަންސޭސިވިލާތުގެ އޮލިމްޕިކް ލިއޯން އާއި ޗެލްސީ ބައްދަލުކުރާއިރު އިޓަލީވިލާތުގެ އޭއެސް ރޯމާ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ސްޕެއިންގެ އެފްސީ ބާސެލޯނާއެވެ. އަދި ފަރަންސޭސިވިލާތުގެ ޕެރިސް ސެއިންޓް ޖަރމެއިން ބައްދަލުކުރާނީ ޖަރުމަނުވިލާތުގެ ވުލްފްސްބަރގްއާއެވެ.
ކުއާޓަރ ފައިނަލްގެ އިތުރުން ސެމީފައިނަލްގައި ޓީމްތައް ކުރިމަތިލާންޖެހޭ ގޮތްވެސް ވަނީ ކަނޑައެޅިގެން ގޮސްފައެވެ. މިގޮތުން ލިއޯން އާއި ޗެލްސީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ރޯމާ އާއި ބާސެލޯނާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. އަދި ބަޔާން އާއި އާސެނަލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރާނީ ޕީއެސްޖީ އާއި ވުލްވްފްސްބަރގް ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 21 އަދި 22 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގް ކުޅޭނީ ޖެހިގެން އަންނަ ހަފްތާގައެވެ.