ޚަބަރު

ތުރުކީ-ސޫރިޔާ ބިންހެލުން: 28,000ށް ވުރެ ގިނަ މަރު، ލޫޓުވުން ޢާންމުވަނީ


ތުރުކީވިލާތާއި ސޫރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 28,000 އިން މައްޗަށް އަރާފައިވާއިރު ތުރުކީވިލާތުގައި ލޫޓުވުން އިތުރުވެ، މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ދަނީ ހުރަސްއެޅެމުންނެވެ. ފެބްރުއަރީ 6 ވަނަ ދުވަހު ތުރުކީވިލާތުގެ ގަޒިއެންޓެޕް ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި އެ ޤައުމުން މަރުވި މީހުންގެ ޢަދަދު ވަނީ 24,617 އަށްއަރާފައެވެ. އަދި، ސޫރިޔާގައި 3,553 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ތުރުކީވިލާތުގައި ވެއްޓިފައިވާ 6,000 އަށްވުރެ ގިނަ ޢިމާރާތުގެ ދަށުވެފައިވާ ކަމަށް ބެލެވޭ އެތަކެއް ބަޔަކު ސަލާމަތް ކުރުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ދިރިތިއްބާ ގިނަ ބަޔަކު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ. އަދި، ފިހާރަ ފަދަ ތަންތަން ލޫޓުވުމާއި، ހަމަނުޖެހުންތައް އިތުރުވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ވަނީ ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ތުރުކީވިލާތުގައި ހަރަކާތްތެރިވާ ޖަރުމަނުވިލާތާއި އޮސްޓްރިޔާގެ ޓީމުތަކުން ބުނީ، ލޫޓުވުމާއި ހަމަނުޖެހުންތަކާ ގުޅިގެން މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހުނު ކަމުގައެވެ. ލޫޓުވުމުގެ ކުށުގައި 50 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުންގެ އަތުން ބަޑިޔާއި އެ ނޫންވެސް ހަތިޔާރު ފެނިފައިވާ ކަމަށް ތުރުކީގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ.

އޮސްޓްރިޔާގެ ޓީމުން ބުނީ، ޙަތޭގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓައިލުމަށްފަހު، އެ ޓީމުތަކުން ރައްކާތެރިކަން ހޯދަން ޖެހުނު ކަމުގައެވެ. އަދި، ތުރުކީވިލާތުގެ އެކި ފެކްޝަންތަކުގެ މެދުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށާއި، ޓީމުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތައް މެދުކަނޑައިލަން ޖެހުނު ކަމުގައި އެ ޓީމުން ބުންޏެވެ.

ޖަރުމަނުވިލާތުގެ ޓީމަށް ވެސް ވަނީ އެ ފަދަ ހާލަތަކާ ކުރިމަތިވެފައެވެ. އަދި، ލޫޓުވާ މީހުންނާއި ހަމަނުޖެހުން ހިންގަމުންދާ މީހުން ހުއްޓުވުމަށް، ތުރުކީވިލާތުގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ޖެހުނު ކަމުގައި އޮސްޓްރިޔާގެ ޓީމުން ބުންޏެވެ. އަދި، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަލުން ފަށާފައި ވަނީ، ތުރުކީގެ އަސްކަރިއްޔާގެ ހިމާޔަތުގެ ދަށުން ކަމުގައި ވެސް އެ ޓީމުން ބުންޏެވެ.


ތުރުކީވިލާތުގެ ހާލަތު ކުރިއަށް އޮތް ދުވަސްތަކުގެ އިތުރަށް ގޯސްވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އެއް ސަބަބަކީ، ގިނަ ސަރަޙައްދުތަކުން ސާފު ބޯފެނާއި ކާނާ ހުސްވުމެވެ. އަދި، ގިނަ ޢިމާރާތްތައް ސުންނާފަތިވެފައިވުމުގެ ސަބަބުން އެތަކެއް ހާސް ބަޔަކު ދުވާލާއި ރޭގަނޑުގެ ވަގުތުތައް އަދިވެސް ހޭދަކުރަމުންދަނީ މަގުތަކުގެ މަތީގައެވެ.

ތުރުކީވިލާތުގައި ލޫޓުވުމާއި ހަމަނުޖެހުންތައް އިތުރުވާން ފެށުމުން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާޞް ވަނީ، އެ ފަދަ އަމަލުތައް ހިންގާ މީހުންނަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އަދި، އިޢުލާނު ކޮށްފައިވާ ކުއްލި ހާލަތުގެ އަމުރުގެ ދަށުން އެ ފަދަ މީހުން ހުއްޓުވަން ދަޢުލަތުން މަސައްކަތް ކުރާނެ ކަމުގައި އުރުދުޣާން ވިދާޅުވިއެވެ.

ބިންހެލުމަށްފަހު 100 އަށްވުރެ ގިނަ ގަޑިއިރު ވޭތުވެފައިވާއިރު، ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުން ދިރިތިބި މީހުން އަދިވެސް ދަނީ ފެންނަމުންނެވެ. އަދި، އެ މީހުން ސަލާމަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ގަޒިއެންޓެޕް ޕުރޮވިންސުން ފެބްރުއަރީ 11 ވަނަ ދުވަހު ވަނީ އެއް ޢާއިލާއެއްގެ ފަސް މެންބަރުން ސަލާމަތްކޮށްފައެވެ. އެއީ މަޔަކާއި ބަފަޔަކާއި އެ މީހުންގެ ދެ އަންހެން ދަރިންނާއި ފިރިހެން ކުއްޖެކެވެ.

132 ގަޑިއިރު ފަހުން ޙަތޭއިން ވެސް ވަނީ އުމުރުން ހަތް އަހަރުގެ ކުޑަ އަންހެން ކުއްޖަކު ސަލާމަތްކޮށްފައެވެ. އަދި، ތުރުކީވިލާތުގެ ދެކުނުގައިވާ އަންތަކްޔާއިން ވެސް ވަނީ ދެ އަންހެން ކުދިން ސަލާމަތްކޮށްފައެވެ. ސޫރިޔާއިން ވެސް ފެންނަމުން ދަނީ އެ ފަދަ މަންޒަރުތަކެވެ. މިއީ، ފާއިތުވި 100 އަހަރުގެ ތެރޭގައި އެ ސަރަޙައްދަށް ކުރިމަތިވި އެންމެ ބިރުވެރި، އަދި ނުރައްކާތެރި ކާރިސާ ކަމުގައި އ.ދ.ގެ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސް ވިދާޅުވިއެވެ.

ސޫރިޔާގައި ހާލުގައި ޖެހިފައިވާ މީހުންގެ ޢަދަދު 5.3 މިލިޔަނަށް އަރާނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން އަންދާޒާ ކޮށްފައިވާއިރު، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އ.ދ.އާއި އެހީދޭ ޖަމުޢިއްޔާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ކަމަށް ބޮޑެތި ހުރަސްތަކާއި ގޮންޖެހުންތައް އެބަހުއްޓެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ސޫރިޔާގެ އުތުރުގެ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތައް އޮތީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެ ސަރަޙައްދަށް އެހީ ފޯރުކޮށްދެވެން އޮތް ހަމައެކަނި މަގަކީ، ތުރުކީ ވިލާތުގެ އުތުރުން ބާބް އަލް-ޙަވާއަށް އެތެރެވުމެވެ. މިހާރު ވެސް ހަ ލޮރީގެ އެހީގެ ސާމާނު ފޮނުވާފައިވާއިރު، އިތުރު 14 ލޮރީގެ ސާމާނު ފޮނުވަން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަޙައްދަށް އެހީ ފޮނުވުމުގެ ހުއްދަ ސޫރިޔާގެ ސަރުކާރުން ދީފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ސޫރިޔާގައި މަރުވި މީހުންގެ ޢަދަދު އެންމެ ފަހުން ހާމަކޮށްފައި ވަނީ ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އަދި، އެ ޢަދަދު މިހާރު އެތަކެއް ގުނައަކުން އިތުރުވެފައިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އ.ދ.ގެ ރެފިޔުޖީންނާ ބެހޭ އިދާރާއިން ސޫރިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ސިވާންކާ ދަނަޕަލަ ވިދާޅުވީ، އެ ޤައުމުގައި ގެދޮރު ނެތި، މަގުމަތިވެފައިވާ މީހުންގެ ޢަދަދު 5.3 މިލިޔަނަށް ވުރެ އިތުރުވާނެ ކަމުގައެވެ. އަދި، މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.